ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލަނީ އިގްތިސާދީ އިސްލާހުތަކުގެ ތެރެއިން: ރައީސް

1 month ago

އަފްރާހް

ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލުން ކަހަލަ ކަންތައްތައް ކުރަމުން މިދަނީވެސް އިގްތިސާދީ އިސްލާހުތަކުގެ ތެރެއިންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ސަންގު ޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.


މި ބަސްދީގަތުމުގައި ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރައްވާނެ ކަމުގައި ވިދާޅުވެ، އެކަމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްތަކުގެ މައްޗަށް އެމަނިކުފާނު ވަނީ އަލިއަޅުވާލައްވާފައެވެ.


އެގޮތުން މަސްވެރިންނަށް ބިލިއަނެއްހާ ރުފިޔާ ދެވިއްޖެކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މަސްވެރިކަން އިތުރަށް ފުޅާކުރުމަށް ފެކްޓްރީތައް ހެދުމުގެ މަސައްކަތްތައް ރޭވި، އިގްތިސާދު ރަނގަޅުވަމުންދާ ކަމަށެވެ.


މީގެއިތުރުން އެއަރޕޯޓު ނިމެމުންދާ ކަމަށާއި އިތުރު ރިޒޯޓްތައް ހުޅުވެމުން އަންނަކަން ވެސް ފާހަގަކުރައްވާފައިވާއިރު، ބައެއް ބޮޑެތި އިތުރު މަޝްރޫއުތައް ފެށުމަށް ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްތަކުގެ މައުލޫމާތު ވެސް ހިއްސާކުރެއްވިއެވެ.


" ޗައިނާއާއި އިންޑިއާ ފަދަ ގައުމުތަކުން މާލީ އަދި އިގްތިސާދީ ހަމަޖެހުމަށް ބޭނުންވާ އެކި ފުރުސަތުތައް ދަނީ ފަހިވަމުން. މިގޮތުން މާލެއަށް އެންމެ ބޮޑުވެފައި އޮތް މަގުތަކުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ޗައިނާގެ ހިލޭ އެހީގެ ދަށުން ބޮޑު މަޝްރޫއެއް ދަނީ ރޭވެމުން." ރައީސް ވިދާޅުވިއެވެ.


މި ޕްރޮގްރާމުގައި ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ބޮޑެތި މަޝްރޫއުތައް ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުމަށް ބޮޑެތި ތައްޔާރީތަކެއް ވާންޖެހޭ ކަމަށެވެ. އަދި އެއީ ގިނަ ވަގުތު ހޭދަވާ ކަމެއްކަން ވެސް ފާހަގަކުރެއްވިއެވެ.


އެމަނިކުފާނު ވިދާޅުވީ އެފަދަ ގިނަ މަޝްރޫއުތައް ފެށުމުގެ ކުރީން ވާންޖެހޭ ތައްޔާރީތައް ފަރުދާގެ ފަހަތުގައި ހަލުވިކަމާއެކު ހިނގަމުންދާކަމަށެވެ. އަދި ބޭރު ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ބައިވަރު ކަންތައްތައް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


ހަމަމިއާއެކު ރާއްޖެއާއި އެހެން ގައުމުތަކާއެކީ އޮންނަ ގުޅުން ވަރަށް ރަނގަޅުވެފައިވާ ކަމަށާއި ޚާރިޖީ ގުޅުން ރަނގަޅުވެ، އެކަމުގެ ސަބަބުން އިގްތިސާދު ވެސް ރަނގަޅު އަސާސްތަކެއްގެ މަތީގައި ބިނާވަމުންދާކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު