11 hours ago
މުހިންމު މަސައްކަތެއް ކުރުމަށް މާދަމާ ހުޅުމާލެއިން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
އެ ކުންފުނިން ކަސްޓަމަރުންގެ ސަމާލުކަމަށް ނެރެފައިވާ ނޯޓިސްގައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭ.ވީ. ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާދަމާ ކުރާނެކަމަށެވެ.
އެހެންކަމުން ޖަނަވަރީ 10 ވާ ހުކުރު ދުވަހު (މާދަމާ) ހެނދުނު 6 ން 8 ޖެހުމާއި ދެމެދު 1 ގަޑިއިރުގެ ވަގުތަކަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވެސް އެވަގުތުގައި ކަރަންޓުގެ ހިދުމަތް މެދު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ބުނެއެވެ.
މި ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭޖް ސުވިޗްގިއަރާއި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިންގ ފީޑަރުތައް ހިމެނޭނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
އެ ކުންފުނިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ބަހައްޓާ މި ޓްރާންސްފޯމަރުތަކުގެ ސަބަބުން ހިދުމަތުގެ ޔަގީންކަން އިތުރުވެ، ދެވަނަ ފިޔަވައްސަށް ފޯރުކޮށްދެމުންދާ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.
މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން އަބަދު ވެސް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކޮށް، މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފައެވެ.