4 months ago
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާ މީހުންގެ މައްސަލަ އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޝަމްޢާން ވަނީ ރާއްޖެ އަންނަ ބައެއް މީހުން ޓޫރިސްޓް ވިސާގެ ބޭނުންނަހަމަ ގޮތުގައި ހިފުމަށް މަސައްކަތް ކުރާކަން ފާހަގަކުރައްވާފައެވެ. އަދި ބައެއް ފަހަރު ޝަހްސު އޮޅުވާލައިގެން އަންނަކަން ވެސް ފާހަގަކުރެއްވިއެވެ.
ޝަމްޢާން ވިދާޅުވީ އިމްގްރޭޝަން ވޮޗަށް ހުށަހެޅޭނީ ހަމައެކަނި ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ރިޕޯޓު ނޫން ކަމަށެވެ. ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައްސަލަ ވެސް މި ޕްލެޓްފޯމު މެދުވެރިކޮށް ހުށަހެޅޭނެ ކަަމަށް ވިދާޅުވިއެވެ.
"އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް މޯލްޑިވްސް އިމިގްރޭޝަނުން ތައާރަފުކުރައްވާފައިވަނީ މިއަހަރުގެ ޖުލައި 17 ގައެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް މި ޕްލެޓްފޯމު ތައާރަފް ކުރިފަހުން 473 ރިޕޯޓް ލިބިފައިވާ ކަމަށާއި 369 ރިޕޯޓަށް އެޓެންޑްވެފައިވާ ކަމަށް ޝަމްޢާން ވަނީ ވިދާޅުވެފައެވެ.
މި ޕްލެޓްފޯމު ތައާރަފްކުރުމާއެކު މިއަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި 3300 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މިއޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް، ބިދޭސީންގެ މައްސަލަތައް ތިން އަހަރުގެތެރޭ ޖުމްލަ ހައްލެއް ގެނައުމެވެ.