4 months ago
މެލޭޝިއާގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
އެގައުމުގެ 67 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައި މެލޭޝިއާގެ ރަސްގެފާން ސުލްތާން އިބްރާހީމަށާއި، ބޮޑު ވަޒީރު އަންވަރު އިބްރާހީމަށް ވަނީ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. އަދި އެގައުމުގެ އެންމެހާ ރައްޔިތުންނަށް ވެސް ފޮނުއްވާފައި ވެއެވެ.
އެމަނިކުފާނު ވަނީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ދެމެހެއްޓެނިވި ރަހުމަތްތެރިކަމާއި، ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތްގުޅުން ފާހަގަކުރައްވާފައެވެ. އަދި މުސްތަގުބަލުގައި މިގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނުގެ މެސެޖުގައި މެލޭޝިއާގެ ރަސްގެފާނަށާއި، ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކަށް ވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި އެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ލިބިގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1968 ގައެވެ.