209 ޒުވާނުންނަށް ޚަޠީބުކަމުގެ ސަނަދު

1 month ago

އަފްރާހް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާނުން ޚަޠީބުން ޕްރޮގުރާމުގެ ދެވަނަ ބެޗުގައި ޚަޠީބުކަމުގެ ސަނަދު ހާސިލްކުރި 209 ޚަޠީބުންނަށް ސަނަދު އަރުވައިފިއެވެ.


މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޞައިޚް މުޙައްމަދު ލަޠީފްއާއި ސްޓޭޓު މިނިސްޓަރ ޑރ. މޫސާ އަންވަރު އަދި ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހުގެ މެމްބަރު ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންއެވެ.


މި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ ޒުވާން ޚަޠީބުން ޕްރޮގުރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ކުރިއަށް ގެންދާ ޕްރޮގުރާމެއް ކަމަށެވެ. އަދި މިހާތަނަށް 300 އަށްވުރެ ގިނަ ޒުވާނުން މި ޕްރޮގުރާމު ފުރިހަމަކުރުމުން އެނގިގެންދަނީ މި ޕްރޮގުރާމަކީ މުޖުތަމައަށް ބޭނުންތެރި ޕްރޮގުރާމެއްކަން ކަމަށެވެ.


މީގެއިތުރުން އަމާޒަކީ މި ދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކުރުން ކަމަށާއި މި އަމާޒު ހާސިލްކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ވެސް ވިދާޅުވިއެވެ.


މިނިސްޓަރު ވަނީ ޒުވާން ޚަޠީބުން ހާސިލްކުރެއްވި މަތިވެރި ކާމިޔާބީއަށް މަރުހަބާ ދަންނަވާ މި ރޮނގުން އިތުރަށް ކުރިއަށް ދިއުމަށާއި މުޖުތަމައު ބަލައިގަންނަ ފަދަ ބަޔަކަށްވުމަށް ވަނީ ނަސެހަތްތެރިވެލައްވާފައެވެ.


ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިން ވަނަ ބެޗު ވަރަށް އަވަހަށް ފެއްޓުމަށް ނިންމަވާފައިވާކަން ވެސް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވަނީ އިއުލާން ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު