ތަސްލީމް ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި، އަދިވެސް ނުފެނޭ

1 month ago

އަފްރާހް

ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް ދަތުރުދިޔަ މ. އަސަރީހަނދާން ތަސްލީމް މުޙައްމަދު ހޯދުމަށް ބޮޑު ސަރަހައްެދެއް ބަލާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.


އެ އިދާރާ އިން ވިދާޅުވީ އޭނާ ދަތުރުދިޔަ ފިނޮޅުގެ ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެން ބަލާފައިވާ ކަމަށެވެ. އަދި ކޯސްޓްގާޑުގެ ޑައިވަރުން ޑައިވްކޮށްގެން ވެސް 3000 އަކަފޫޓު ބަލާފައިވާ ކަމަށް ވިދާޅުވިއެވެ.


އެހެންނަމަވެސް މިހައިތަނަށް ކުރި މަސައްކަތުން އުމުރުން 43 އަހަރުގެ ތަސްލީމް ފެނިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.


އެމްއެންޑީއެފުން ވިދާޅުވީ މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ތަސްލީމް ގެއްލިފައިވަނީ މޫދަށްކަން ކަށަވަރު ކުރެވިފައި ނުވާތީ އޭނާ ހޯދުމުގެ އޮޕަރޭޝަން ލީޑްކުރާނީ ދިވެހި ފުލުހުންގެ ހިދުމަތުން ކަމަށެވެ.


ތަސްލީމް އާއެކު ދަތުރުދިޔަ މީހުންނާއި ހަވާލާދީ ފުލުހުން ވިދާޅުވެފައިވަނީ އޭނާ އެންމެފަހުން ފެނިފައިވަނީ އޮގަސްޓް 30 ވީ ހުކުރުދުވަހުގެ ހެނދުނު 10 އަކާއި 11 އާ ދެމެދުކަމަށެވެ.


އޭނާއާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން ލަސްނުކުރައްވާ ހިއްސާކުރެއްވުމަށް އެ އިދާރާ އިން އިލްތިމާސްކުރައްވާފައެވެ. އަދި ބުރާސްފަތި އަދި ހުކުރު ދުވަހު އެ ފަސްގަނޑަށް އެއްވެސް ބަޔަކު ދަތުރުގޮސްފައިވާނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ 9794639 ނަމްބަރަށް ގުޅައި، އެކަން ހިއްސާ ކުރުމަށް ވެސް ވަނީ އެދިލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު