ރައްޔިތުންނަށް ހިދުމަތްކުރުމަށްވުރެ ލޯބިކުރާ އެއްވެސްކަމެއް ފުލުހުންނަށް އޮވެގެން ނުވާނެ: ސީޕީ

1 month ago

އަފްރާހް

ފުލުހުންގެ ހިދުމަތަކީ އާންމުންގެ ތައުރީފާއި ފާޑުކިޔުން އަމާޒުވާނެކަމެއްކަން ގަބޫލުކުރައްވާ ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.


އެމަނިކިުފާނު މިފަދައިން ވިދާޅުވީ ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ހިދުމަތްދޭން ފެށިތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.


ސީޕީ ވަނީ މިވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ޚިދުމަތް ހަރުދަނާކުރުމަށް ދިވެހި މީޑިއާއިން ކިޔާފައިވާ ބިނާކުރަނިވި ފާޑުކިޔުމަކީ ވަކިވަކި ފުލުހުންނާއި މުޅި މުއައްސަސާއަށް ހެޔޮ ބަދަލުތައް ގެނައުމުގައި ލިބިގެންދިޔަ ބާރެއްގެގޮތުގައި ފާހަގަކުރައްވާފައެވެ.


މީގެއިތުރުން ފުލުހުންގެ ޑިއުޓީގައި ހުންނަވަނިކޮށް ޝަހީދުވެފައިވާ ފުލުހުންގެ ހަނދާން ވެސް މިޖަލްސާގައި އައުކުރައްވާފައިވާއިރު، ދިވެހި ރައްޔިތުންނާއި، ފަސްގަނޑަށްޓަކާ ދިވެހި ފުލުހުން، އަމިއްލަ ފުރާނައާއި ލެއިން ގުރުބާންވެފައިވާކަން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށް ކޮންމެ ފުލުހަކަށް ވެސް ކުރެވުނު ކޮންމެ ކަމެއްވެސް ކޮށްދެއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.


ސީޕީ އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްކުރުމަށްވުރެ ލޯބިކުރާ އެއްވެސްކަމެއް ފުލުހުންނަށް އޮވެގެން ނުވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު