ބީއެމްއެލް އިން 'ބޭންކް ފަންޑް' އިފްތިތާހްކޮށްފި

5 months ago

ސާއި

ބޭންކް އޮފް މޯލްޑިވްސް އިން 'ބޭންކް ފަންޑް' ތައާރަފްކޮށްފިއެވެ.  

  

މިއީ ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ތައާރަފްކުރި ފަންޑެކެވެ.


މި ފަންޑުގެ ދަށުން ތައުލީމާއި ތިމާވެއްޓާއި ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން ފަސް ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 200،000 ރުފިޔާގެ ހިލޭ އެހީ ކޮންމެ އަހަރަކު ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.


މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ދެމެހެއްޓެނިވި އަދި ޒިންމާދާރު ވިޔަފާރިއެއްގެ ހައިސިއްޔަތުން ބޭންކުން އަބަދު ވެސް އަންނަނީ އެ ބޭންކުން ހިދުމަތް ދެމުންދާ މި މުޖުތަމައު ގައި ހިންގަމުންދާ މުހިންމު ހަރަކާތްތަކަށް އިންވެސްޓް ކުރަމުން ކަމަށެވެ.


މިގޮތުން ފާހަގަކޮށްލެވޭ މުހިންމު އެއް ޕްރޮގްރާމެއް ކަމަށްވާ ކޮމިއުނިޓީ ފަންޑް މެދުވެރިކޮށް 2019 އިން ފެށިގެން ވަނީ އިޖުތިމާއީ 100 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިކަން ފާހަގަކުރައްވައިއޭނާ ވިދާޅުވީ މި ތައާރަފްކުރި ބޭންކް ފަންޑަކީ ޖަމިއްޔާތަކަށް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި، ކުރިން ދެމުންދިޔަ ފަންޑަށް ބަދަލު ގެނެސް، އިތުރު ފުރިހަމަކަމާއެކު ފަށާ ފަންޑެއް ކަމަށް ވެސް ވިދާޅުވިއެވެ.


'ބޭންކް ފަންޑް' ހުޅުވާލާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތް އަދި ކްލަބްތަކަށެވެ. މިފަންޑަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ ޖޫން 10 ވަނަ ދުވަހުގެރޭ 11 ޖަހަންދެންނެވެ. މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް bankfund@bml.com.mv އަށް ހުށަހަޅޭނެއެވެ.   


ކިޔުންތެރިންގެ ހިޔާލު