އެޗްޑީސީގެ ހިއްސާ އާއްމުންނަށް ވިއްކަނީ

1 month ago

އަފްރާހް

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަކީ އާންމުންގެ ހިއްސާ އޮންނަ ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލު ކުރުމުގެ ވިސްނުންފުޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާކަން ހާމަކުރައްވައިފިއެވެ.


މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސެޕްޓެމްބަރ 1 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.


ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ އެޗްޑީސީއާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) މާޖް ކުރުމާއި ގުޅޭގޮތުން ކެބިނެޓުގައި ވާހަކަދައްކަވާފައިވާ ކަމަށެވެ.


މީގެއިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން މެދު ފަންތި އާއި މަތީ ފަންތި ނުހިމަނާ އަސާސީ ބޯހިޔާ ވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަންޖެހޭ ކުންފުންޏަކީ އެފްޑީސީކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ހިޔާ މަޝްރޫއު ފަދަ އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެޗްޑީސީގެ ދަށުން ކުރިއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.


މިނިސްޓަރ ވިދާޅުވީ އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގައިގެން އެޗްޑީސީއަށް މާބޮޑު ފައިދާއެއް ނުލިބޭ ކަމަށެވެ. އެހެންވެ، އެފްޑީސީއަށް އެކަންކަން ބެލެހެއްޓުމުގެ ކަންކަން ހަވާލުކުރަން ނިންމާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.


މި ނިންމުމާ އެކު އެފްޑީސީ ދެން އޮންނާނީ އެޗްޑީސީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު