އައިއޭއީއޭ ގައި ރާއްޖެއިން ބައިވެރިވަނީ

1 month ago

އަފްރާހް

އދ.ގެ އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) ގައި ބައިވެރިވާން ސަރުކާރުން ނިންމައިފިއެވެ.


މިކަން ހާމަކުރެއްވީ ފޮރިން މިނިސްޓަރ މޫސާ ޒަމީރުއެވެ.


ރައީސުލްޖުމްޖޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ކެބިނެޓުން މިގޮތަށް ނިންމައިފައިވަނީ ރާއްޖޭގައި އަޅާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތުގައި އެހީ ހޯދުމަށް ކަމަށެވެ.


ޖުމްލަ 178 ގައުމު ބައިވެރިވާ އެ އޭޖެންސީގައި މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އައިއޭއީއޭ ގައި ބައިވެރިނުވެ އޮތީ ރާއްޖެއާއި ބޫޓާން އެކަނި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.


ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންދަވަނީ ކެންސަރު ހޮސްޕިޓަލެއް ވަރަށް އަވަހަށް ހުޅުވައި، ހިދުމަތް ލިބޭނެ ގޮތް ހެއްދެވުމުގެ މަސައްކަތް ކުރަައްވަމުންކަން ފާހަގކުރައްވައި، މިނިސްޓަރ ވަނީ ރައީސްގެ އެޖެންޑާގައި ކެންސަރު ހޮސްޕިޓަލެއް ގާއިމް ކުރުން އޮތްއިރު، އެކަމަށް ބޭހާއި އިކުއިޕްމެންޓް ހޯދަން އެޓޮމިކް އެޖެންސީގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.


މިކަމުގައި ލީޑް އެޖެންސީއެއްގެ ގޮތުގައި ރާއްޖެއިން މަސައްކަތް ކުރާނީ ޑިފެންސް މިނިސްޓްރީން ކަމަށާއި މިހާރު ދުނިޔެއަށް އަންނަ ބަދަލުތަކާއެކު އެޓޮމިކް އެނަރޖީއަށް ދިއުމުގެ ފުރުސަތު އޮތްކަން ވެސް ފާހަގަކުރެއްވިއެވެ.


މީގެއިތުރުން އައިއޭއީއޭ ގައި ރާއްޖެއިން ބައިވެރިވެގެން ލިބެން ހުރި ފައިދާތައް ހޯދަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް މިނިސްތަރ ވިދާޅުވިއެވެ. އަދި މިކަން ދެން ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި މަޖިލީހުން ފާސްވުމުން އެކަމުގައި ކުރިއަށް ހުރި މަސައްކަތްތައް ކުރައްވާނެ ކަަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.


ކެންސަރު ހޮސްޕިޓަލްގެ މަޝްރޫއަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަސައްކަތެކެވެ. އޭރުގެ ސަރުކާރުން ނިންމާފައި އޮތީ ލ. ގަމުގައި އެ ހޮސްޕިޓަލް ތަރައްގީކުރުމަށެވެ. އޭރުގެ ސަރުކާރުން ކެންސަރު ހޮސްޕިޓަލް ތަރައްގީކުރަން އުޅުނީ އަވަށްޓެރި އިންޑިއާގެ އެހީގައެވެ.


ކިޔުންތެރިންގެ ހިޔާލު