ދިވެހި ފުލުހުންގެ އާސާރުގައިވާ ކޮންމެ އެއްޗެއްގައި ވެސް ދިރުމެއްވާނެ: މިނިސްޓަރ

1 month ago

އަފްރާހް

ދިވެހި ފުލުހުންގެ އާސާރުގައިވާ ކޮންމެ އެއްޗެއްގައި ވެސް ދިރުމެއްވާ ކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.


އެމަނިކިފާނު މިފަދައިން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، ފުލުހުންގެ އާސާރު ދައްކައިލުމުގެ ހަރަކާތް ފައްޓަވައިދެއްވާ ވާހަކަދައްކަވަމުންނެވެ.


މިނިސްޓަރ ވިދާޅުވީ އެއިން ކޮންމެ އެއްޗެއް ވެސް ފުލުހުންގެ ތާރީހުގެ ވާހަކަ ދައްކާނެކަމަށާއި އެކަމުން ރަމްޒުކޮށްދެނީ ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުންކަމަށެވެ.


މީގެއިތުރުން ގަރުނަކާ ގާތްވަމުންދާ ފުލުހުންގެ ހިދުމަތް ފެށިގެން އައި ގޮތަށް އަލިއަޅުއްވައި، ވިދާޅުވީ ފުލުހުންގެ ޔުނިފޯމުގެ ނޫކުލައާއި ރިބަންފަށް ރަމްޒުކޮށްދެނީ ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުންކަމަށެވެ. އަދި ކޮންމެ ގައުމެއްގައި ވެސް ފުލުހުންގެ އާސާރަކީ ވަރަށް މުހިންމު އެއްޗެއްކަމަށާއި އެއީ ރައްކާތެރި ކުރަންވާނެ އެއްޗެއްކަމަށް ވެސް ވަނީ ވިދާޅުވިއެވެ.


ފުލުހުންގެ އާސާރަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާންމުންނަށް ވެސް ވަނީ ހުޅުވައިލާފައެވެ. އެގޮތުން މިއަދު މެންދުރފަހު 2 ން ފެށިގެން އިރުއޮއްސި 6 ޖަހަންދެން އަދި ރޭގަނޑު 8 ން 10 ޖަހަންދެން ހުޅުވިފައި ހުންނާނެއެވެ.


މި މަހު 2 އިން 3 އަށް ކޮންމެދުވަހެއްގެ ހެނދުނު 9 ން ހަވީރު 4 ޖަހަންދެން އަދި ރޭގަނޑު 8 ން 10 ޖަހަންދެން ވެސް ހުޅުވިފައި ހުންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު