ގާރލްގައިޑު ހަރަކާތުން އަންހެނުންނާއި މުޖުތަމައު ބާރުވެރިކުރުވާ: މެޑަމް ސާޖިދާ

1 month ago

އަފްރާހް

ގާރލް ގައިޑް ހަރަކާތަކީ ހަމައެކަނި މުސްތަގުބަލުގެ ލީޑަރުން އުފެއްދުމުގެ ހަރަކާތެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.


އެކަމަނާ މިހެން ވިދާޅުވީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ، ހިންގުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާން އަންހެނުންނަށް އަމާޒުކޮށް ބޭއްވި މަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.


ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި މި ބައްދަލުވުމުގައި އެކަމަނާ ވިދާޅުވީ ގާރލް ގައިޑު ހަރަކާތަކީ އަންހެނުން ބާރުވެރިކުރުވުމާއި މުޅި މުޖުތަމައު ބާރުވެރިކުރުވުމުގެ ހަރަކާތެއް ކަމުގައެވެ.


މިކަމަށް އެދެވޭ ބަދަލެއް ގެނެވޭނީ ކަންކަމުގައި އިރުޝާދު ދިނުމާއި ލީޑަރޝިޕް ތަމްރިނުތަކާއި ނިންމުންތައް ނިންމުމުގެ މަރުހަލާގައި އަންހެނުންގެ ބައިވެރިވުމަށް ހިތްވަރުދީގެން ކަަމަށް ވެސް ވިދާޅުވިއެވެ. އަދި ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައި މިންތީގެ ހަމަހަމަކަން ކުރިއެރުވުމާއި މި ކަންކަމަށް އެއްބާރުލުން ދިނުމުގެ މާހައުލެއް އުފެއްދުމާއެކު އެފަދަ މުޖުތަމައުތައް އުފެދިގެން ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ލީޑަރޝިޕް މަގާމުތަކުގައި އަންހެނުން ތިބުމުން ހެޔޮބަދަލުތަކާއި ތަފާތު ވިސްނުންތައް ގެނެސްދެވޭނެކަމުގައި ވެސް ވިދާޅުވިއެވެ. އަދި މިންތީގެ ހަމަހަމަކަމަށް ކުރާ ދަތުރުގައި މިހާތަނަށް ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުންތަކެއް ހޯދިފައިވީ ނަމަވެސް މިދަތުރު އަދި ނިމެން ގާތް ވެސް ނުވާކަން ވަނީ ފާހަގަކުރައްވާފައެވެ.


"ލީޑަރޝިޕްގެ އެކިދައުރުތައް އަދާކުރާ އަންހެނުން ފާހަގަކޮށްލެވޭ މިންވަރަކަށް ހަރަކާތްތެރިވޭ. ނަމަވެސް ތަފާތު ދާއިރާތަކުގައި އަންހެނުން ތަމްސީލުކުރުމުގެ ބޭނުންތެރިކަން އަދިވެސް ބޮޑު." އެކަމަނާ ވިދާޅުވިއެވެ.


އެގޮތުން އަންހެނުން، އެކި ދާއިރާތަކުން ހޯދާ ކާމިޔާބީތައް ފާހަގަކުރާއިރު، އަންހެނުންނަށް ކުރިއަށް ދެވޭނެ އަދި ކުރިއަރަންޖެހޭ ބައެއް ދާއިރާތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު މަދުކަން ފާހަގަކުރެއްވިއެވެ.


ގަރލް ގައިޑް ހަރަކާތަކީ ރާއްޖޭގައި ވަރަށް ކާމިޔާބު ހަރަކާތެއްކަން ފާހަގަކުރައްވައި، އެ ހަރަކާތުގައި އުޅުއްވި ބައެއް ބޭފުޅުން ފަހުން ސަރުކާރާ ޕްރައިވެޓް ސެކްޓަރގައި ސީނިއަރ ރޯލުތައް އަދާކުރައްވާތަން ފެނިވަޑައިގެންނެވުމަކީ ލިބިވަޑައިގަންނަވާ ފަޚުރެއްކަމުގައި ވިދާޅުވިއެވެ. އަދި އެކަމަނާގެ ވާހަކަފުޅުގައި ވަނީ މިއަދާއި އަދި މުސްތަގުބަލުގެ ޖީލުތަކުގެ މަންފާއަށްޓަކައި މި ލީޑަރޝިޕް ހަރަކާތް އިތުރަށް ފުޅާކޮށް މެދުނުކެނޑި ކުރިޔަށް ގެންދިއުމަށް ހިތްވަރުދެއްވާފައެވެ.


މި ރަސްމިއްޔާތުގައި އޭޝިއާ ޕެސިފިކް ސަރަހައްދާ ރާއްޖޭގެ ގަރލް ގައިޑުންގެ ފަރާތުން ރައީސްގެ އަނބިކަނބަލުންނަށް ވަނީ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު