ވަޒީފާއާބެހޭ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކޮށްފި

1 month ago

އަފްރާހް

ވަޒީފާއާބެހޭ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަސްދީގު ކުރައްވައިފިއެވެ.


މިއީ 19 އޮގަސްޓް 2024 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.


މި ބިލުގައި ބިދޭސީންނަށް ރާއްޖޭގައި ވަޒީފާއަދާކުރެވޭނީ، ވަޒީފާއާބެހޭ ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށްފަހުގައިކަމަށް ބަޔާންކުރައްވައިފައިވެއެވެ.


އެހެންނަމަވެސް ވަކި ފަރާތްތަކަކަށް މި އުސޫލު ނުހިނގާނެ ކަމަށާއި އެ ފަރާތްތައް މި ބިލުގައި ބަޔާންކުރައްވައިފައިވެއެވެ. އަދި މި ބިލުގައި ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ވެސް ކަނޑައަޅުއްވާފައިވެއެވެ.


މީގެއިތުރުން މި ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގައި ވަޒީފާއަދާކުރުމަށް ބިދޭސީން ގެނައުމުގައި ވަޒީފާދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ކަންކަން އިތުރުކުރައްވައި، ތަފްސީލުކޮށް ބަޔާންކުރައްވާފައިވެއެވެ.


އެގޮތުން އެ ބިދޭސީއަކު މަސައްކަތްކުރާނެ ވަރކްސައިޓް ރަޖިސްޓަރީކުރުމާއި ކަމާގުޅޭ އެނޫން ވެސް ހުއްދަތައް ހޯދުމާއި އެ ބިދޭސީއަކު ގެނައުމަށް ބޭނުންވާ ކޯޓާ ހޯދުމާއި ވަރކް ޕަރމިޓް ހެއްދުން ހިމެނެއެވެ. އަދި ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު އަޅުއްވާނެ ފިޔަވަޅުތައް ވެސް ބަޔާންކުރައްވާފައިވެއެވެ.


މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް، މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެކަމުގައި ބަޔާންކުރައްވާފައިވެއެވެ.


ވަޒީފާއާބެހޭ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް، ތަސްދީގުކުރެއްވުމާ ގުޅިގެން މި ގާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފައެވެ.


މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ގާނޫނު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު