ސިއްހީ ދާއިރާގެ ދަރިވަރުންގެ 'ރިކޮގްނިޝަން / ވެލިޑޭޝަން' އާއި ގުޅޭގޮތުން މަޝްވަރާކޮށްފި

1 month ago

އަފްރާހް

މޯލްޑިވިސް މެންޓަލް އެންޑް ޑެންޓަލް ކައުންސިލް (އެމްއެމްޑީސީ) ގެ ބައެއް އިސްބޭފުޅުން މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ)އަށް ޒިޔާރަތްކުރައްވައި، ސިއްހީ ދާއިރާގެ ދަރިވަރުންގެ 'ރިކޮގްނިޝަން' އަދި 'ވެލިޑޭޝަން'އާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.


މި ބައްދަލުވުމުގައި، އެމްކިޔުއޭގެ ފަރާތުން އެ އިދާރާގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދުގެ އިތުރުން އެ އިދާރާގެ ބައެއް އިސްބޭފުޅުން ބައިވެރިވެޑައިގަންނަވާފައިވެއެވެ. އަދި އެމްއެމްޑީސީގެ ފަރާތުން، އެ އިދާރާގެ ވައިސް ޕްރެޒިޑެންޓް، ޑރ. ޢަލީ ނިޔާފް އާއި އެ އިދާރާގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާފައެވެ.


'ރިކޮގްނިޝަން/ވެލިޑޭޝަން'ގެ ޚިދުމަތަކީ ކޯހެއް ނުވަތަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު، އެ ދަރިވަރަކު ހާޞިލްކުރި ސަނަދަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ، ކޮންފެންވަރެއްގެ ސަނަދެއްކަން ހާމަކުރުމުގެ ގޮތުން އެ އިދާރާ އިން ދެއްވާ ތައްގަނޑު ޖަހައިދިނުމުގެ ހިދުމަތެކެވެ.


މިފަދަ ހިދުމަތްތަށް، ސިއްހީ ދާއިރާއިން ސަނަދުތައް ހާސިލުކުރާ ދަރިވަރުންނަށް އެމްކިޔުއޭ އިން ދެއްވަމުން ދާއިރު، އެމްއެމްޑީސީގެ ފަރާތުން ކުރިއަށް ގެންދާ ތަމްރީނުތަކުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ އިތުރުން މިފަދަ ހިދުމަތްތަކާއި ގުޅޭގޮތުން ސިއްހީ ދާއިރާއިން ތަމްރީނުވާ ދަރިވަރުން ދެނެގަތުން މުޙިއްމު މަޢުލޫމާތުތަކުގެ މައްޗަށް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ.


އެމްއެމްޑީސީއަކީ ރައްޔިތުންގެ ސިއްހީ ދުޅަހެޔުކަމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، އެ ދާއިރާގައި ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލެހެއްޓުމަށް އެތަށް މަސައްކަތްތަކެއް ކުރަމުން އަންނަ އިދާރާއެކެވެ.


ކިޔުންތެރިންގެ ހިޔާލު