ފުލުހުންގެ މަސައްކަތްތަކާ ގުޅޭ އައު އެޕްލިކޭޝަންތަކެއް ތައާރަފުކޮށްފި

1 month ago

އަފްރާހް

ދިވެހި ފުލުހުންގެ މަދަނީ ހިދުމަތަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ފުލުހުންގެ މަސައްކަތްތައް ފަސޭހަކޮށް ހަލުވިކުރުމަށްޓަކައި އައު އެޕްލިކޭޝަންތަކެއް ތައާރަފުކޮށް، ކުރިން ބޭނުންކުރަމުން އައި ބައެއް އެޕްލިކޭޝަންތައް އަލުން ފަރުމާކޮށް އިފްތިތާހުކޮށްފިއެވެ.


މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ. 


މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ ކޮމާންޑުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެލެއްވިއެވެ.


އިތުރު ފީޗަރސްތަކާއެކު އަލުން ފަރުމާކުރި އެޕްލިކޭޝަންތަކުގެ ތެރޭގައި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ސަޕޯޓް ޕޯޓަލް، ޕީއައިއައި ޓީމްސް އެޕްލިކޭޝަން، ޕާސަން އޮފް އިންޓްރެސްޓް ޕޯޓަލް، ނެއިބަހުޑް ސަޕޯޓް ސިސްޓަމް، ޓެކްނިކަލް އޮޕަރޭޝަން ޕްލެޓްފޯމް، އޮޕްސް މޮބައިލް އެޕް އަދި ފޭސް އެޕް ހިމެނެއެވެ. އަދި މުޅީން އަލަށް ތައާރަފުކުރެވުނު އެޕްލިކޭޝަންތަކުގެ ތެރޭގައި ޕައިން މައިންޑުގެ ދަށުން ޑިވެލޮޕްކޮށްފައިވާ އޮޓޮމެޓިކް ސްޕީޗް ރެކޮގްނިޝަން (އޭ.އެސް.އާރު) އަދި އިންވެސްޓިގޭޝަން މޮޑިއުލްއަށް އިތުރުކުރެވުނު ސުޕަވައިޒަރ ޑޭޝްބޯޑް ހިމެނެއެވެ.


މި ގެނެވުނު ބަދަލާ އަދި އައު އެޕްލިކޭޝަންތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މައުލޫމާތު ބެލެހެއްޓުމާއި، ތަހުގީގުތައް ކުރިއަށްގެންދިއުމާއި، މުޖުތަމައާ ގުޅިގެން ކުރާ މަސައްކަތްތައް ހަލުވިވެ ފަސޭހަވެގެންދާނެއެވެ. މިސާލަކަށް، އޭއެސްއާރު ނިޒާމުގެ ސަބަބުން، މައްސަލަތަކާ ގުޅިގެން ނަގާ ބަޔާންތަކާއި ބައްދަލުވުންތަކުގެ ޓްރާންސްކްރިޕްޓް ފަސޭހައިން ލިޔުމަށް ބަދަލުކުރެވޭނެއެވެ. އަދި ފޭސް އެޕްގެ ސަބަބުން. މީހުން ދެނެގަތުމުގެ މަސައްކަތް އަވަސްވެ ސަލާމަތީ ކަންކަން ހަރުދަނާވެގެންދާނެއެވެ.


މި އެޕްލިކޭޝަންތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީގެ ފަރާތުން ވިދާޅުވީ ޒަމާނީ މި ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށެވެ. އަދި މި އައު ޓެކްނޮލޮޖީތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތުގެ ފެންވަރު މަތިވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޔަގީންކުރާ ކަމަށެވެ.


ޓެކްޓިކަލް އޮޕަރޭޝަން ޕްލެޓްފޯމް (ޓީއޯޕީ) އަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް ބޭނުންތަކަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ހައްލެކެވެ. މި ޕްލެޓްފޯމުގެ މަގުސަދަކީ ހާލަތު ދެނެގަތުމާއި، ވަގުތުން ވަގުތަށް ނިންމުންތައް ނިންމުމުގެ ގާބިލުކަން އިތުރުކުރުމެވެ.


މި އައު އަދި އަޕްޑޭޓްކުރެވުނު އެޕްލިކޭޝަންތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މައުލޫމާތު ބަދަލުކުރުމާއި ކޭސްތައް ބެލެހެއްޓުން ފަދަ ކަންކަން ފަސޭހަވެގެންދާނެއެވެ. އަދި މި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ ސަބަބުން ފުލުހުންގެ މަސައްކަތުގެ ފެންވަރު މަތިވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު