ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް އަޠުހަރު ނިޔާވެއްޖެ

1 month ago

އަފްރާހް

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި، ރަހީނުކުރުމަށް މަސައްކަތްކުރަމުންދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ށ. މިލަންދޫ، ހެޕީލޭންޑް އާދަމް އަޠުހަރު ނިޔާވެއްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު 4:08 ހާއިރު، ނިޔާވެފަިއވާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށެވެ.


ފުލުހުން އާންމުކުރައްވާފައިވާ ނޫސްބަޔާނެއްގައި ވަނީ އޭނާ ނިޔާވި މައްސަލަ އެ އިދާރާ އިން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. އަދި މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ އެއް ހަދާނެ ކަމަށެވެ.


އުމުރުން 32 އަހަރުގެ އާދަމް އަޠުހަރަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދީފައި ވަނީ ދޫނިދޫގައި ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓައި، އޭނާ ބަންދުކޮށްފައި ހުރި ޖަލުގައި ދަންޖެހުމާ ގުޅިގެންނެވެ.


މި މައްސަލައާ ގުޅިގެން މިނިވަން މުއައްސަސާތަކުން ކުރަމުންދާ ތަހުގީގުތަކަށް ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެ މުއައްސަސާއިން ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު