ބަންގްލަދޭޝް އާއެކު އޮންނަގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އިސްކަންދޭނަން: ސަފީރު

1 month ago

އަފްރާހް

ރާއްޖެއިން ބަންގްލަދޭޝްއަށް ކަނަޑައެޅުއްވި އައު ސަފީރު ޝިއުނީން ރަޝީދު އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހަބުއްދީން އަށް އަރުވައިފިއެވެ.


ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ރިޔާސީ ގަނޑުވަރު "ބޮންގަބަބަން" ގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.


މި ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ބަންގްލަދޭޝްގެ ރައީސް ޝަހަބުއްދީން ވަނީ ސަފީރު ޝިއުނީންއަށް ހޫނު މަރުހަބާއެއް ދަންނަވައި ތަހުނިޔާ ވިދާޅުވެފައެވެ. ސަފީރު ޝިއުނީން ވަނީ ބަންގްލަދޭޝްގެ ރައީސްއަށާއި ރައްޔިތުންނަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ހެޔޮއެދުންތަކާއި ތަހުނިޔާ ވިދާޅުވެފައެވެ.


މި ބައްދަލުވުމުގައި ސަފީރު ޝިއުނީން ވަނީ ބަންގްލަދޭޝް ސަރުކާރާއެކު އެކި ދާއިރާތަކުން މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކޮށް، ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުން ދަމަހައްޓައި އިތުރަށް ވަރުގަދަ ކުރުމަށް އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ.


ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1978 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ.


ސަފީރު ޝިއުނީން އަކީ ރާއްޖެއިން ބަންގްލަދޭޝް އަށް ކަނޑައެޅުއްވި ހަތްވަން ސަފީރެވެ.


ކިޔުންތެރިންގެ ހިޔާލު