ގަވާއިދާ ހިލާފުނުވާ ނަމަ ގޯތި ލިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

1 month ago

އަފްރާހް

ރިޔާސީ ވައުދާ އެއްގޮތަށް، ގަވާއިދާ ހިލާފުނުވާ ކަމުގައި ވާނަމަ ގޯތި ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.


އެމަނިކުފާނު މި ޔަގީންކަން ދެއްވީ މާލެ ސަރަހައްދުގައި ހަރަކާތްތެތިވާ ގެދޮރުވެރިކަމާގުޅޭ ބައެއް ޔޫނިއަންތަކާއެކު ބޭއްވެވި ބައްދދަލުކުރެއްވުމުގައެވެ.


އެގޮތުން ފަހި ޔޫނިއަން، ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަން، ގުޅިފަޅުގެ ރައްޔިތުންގެ އެސޯސިއޭޝަން، ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ، އަދި މާލެ ރަށްވެހިންގެ ޖަމުއިއްޔާގެ އިސްބޭފުޅުންނާއެކު ވަނީ ބައްދަލުކުރައްވާފައެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ގެދޮރުވެރިކަމާބެހޭ ޔުނިއަންތަކުގެ މެންބަރުން ވަނީ، މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ގުޅިގެން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތައް ހިއްސާ ކުރައްވާފައެވެ.


އެގޮތުން މާލެ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން އެކިކަންކަމާއި ގުޅިގެން އަދިހަވާލުނުކުރެވި ހުރި ގޯތިތަކުގެ ރަޖިސްޓްރީތަކާއި، އެޝުއަރެންސް ސިޓީގެ ކަންކަން އަވަސް ކޮށްދެއްވުމަށް ދެންނެވިއެވެ. އަދި ކަމާގުޅޭ ފަރާތްތަކުން ޖަވާބުދާރީވުން މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރިޔަށްގެންދިއުމާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވޭގޮތަށް މިކަންކަން ހައްލުކޮށްދެއްވުމަށް ވަނީ ދަންނަވާފައެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަންތައް ކަމުގައެވެ. އެގޮތުން ގެޒެޓްގައި ނަން އާންމުކޮށްފައިވާ ކޮންމެ ބޭފުޅަކަށް، އެމަނިކުފާނުގެ ރިޔާސީ ވައުދާ އެއްގޮތަށް، ގަވާއިދާ ހިލާފުނުވާ ކަމުގައި ވާނަމަ ގޯތި ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.


މީގެއިތުރުން މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާ ކުރިއަށް ގެންދަން ރޭވިފައިވާ މަޝްރޫއުތަކުގެ އަދާހަމަ ތަފްސީލުތައް މެންބަރުންނާއި ހިއްސާ ކުރައްވައި، އެ މަސައްކަތުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެކަމުގައި ވެސް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން، ވީހާވެސް އަވަހަށް އެކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނުގެ ވަނީ ޔޫނިއަންތަކުގެ މެމްބަރުންނަށް ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު