އަދީބުގެ ބަހުގެ ހަމަލާތަކެއް ޖަމީލަށް!

1 month ago

އަފްރާހް

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ބަހުގެ ހަމަލާތަކެއް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދަށް ދެއްވައިފިއެވެ.


'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި އަދީބު ވަނީ 2015 ވަނަ އަހަރު އެމަނިކުފާނު ހުރަގޭގައި އޮއްވާ، MUO ކިޔާ ހަރަކާތް އުފައްދާ އޭގެ އެޑްވައިޒަރަކަށް އެމަނިކުފާނު ލައިގެން ޑރ. ޖަމީލު އެހަރަކާތުގެ ރައީސަކަށް ހުންނަވައިގެން ރައީސް ޔާމީނުގެ ވެރިކަން ވައްޓާލީ ނޫންތޯ ސުވާލު ކުރައްވާފައެވެ.


މީގެއިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ބައްދަލެއް ނުކުރައްވާ ކަމަށް ވެސް އަދީބު ވަނީ ވިދާޅުވެފައެވެ.


އަދީބު ކުރައްވާފައިވާ އިތުރު ޕޯސްޓެއްގައިވަނީ ސިޔާސީގޮތުން ތިމާގެ ނަފްސު މަޝްހޫރު ކުރުވުމަށް އެމަނިކުފާނުގެ ނަން ބޭނުން ނުކުރެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.


އަދީބު މިފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރަށް އިރުޝާދު ދެމުންދާކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވާތީ، އެކަމަށް އިޝާރާތް ކުރައްވައި، ސެޕްޓެމްބަރ 2 ވަނަ ދުވަހު އަދީބު ވިދާޅުވެފައިވަނީ މާލީ ހާލަތު ރަނގަޅު ކުރަން އަމިއްލަ ހައިސިއްޔަތުން ސަރުކާރުގައި ތިބޭ ރައްޓެހިންނަށް އަބަދުވެސް ނަސޭހަތްދެމުންދާ ކަމަށެވެ.


އެގޮތުން މިދިޔަ އެމްޑީޕީ ސަރުކާރުގައި ތިބި އެކުވެރިންނަށް ވެސް ނަސޭހަތް ދެއްވި ކަމަށާއި އެއީ ރަސްމީ ކަމެއްނޫން ކަަމަށް ވިދާޅުވިއެވެ.


އެއީ ފަރުދީ ޒިންމާއެއް ކަމަށާއި ރާއްޖެއަކީ އެމަނިކުފާނުގެ ވެސް އުފަންގައުމުކަން ވަނީ ހަނދާންކޮށްދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު