ރައީސްގެ ހާއްސަ މަންދޫބެއްގެ ހައިިސިއްޔަތުން މިނިސްޓަރ އާދަމް ޝަރީފް އީރާނަށް

5 months ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއއިްޒުގެ ހާއްސަ މަންދޫބެއްގެ ހައިިސިއްޔަތުން މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް ޢުމަރު، އީރާނަށް ފުރާވަޑައިގެންފިއެވެ.


އެމަނިކުފާނުގެ މި ދަތުރުފުޅަކީ އިސްލާމިކް ރިޕަބްލިކް އޮފް އީރާންގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީއާއި ޚާރިޖީ ވަޒީރު ޙުސައިން އާމިރު-ޢަބްދުއްލަހިޔާނަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި އެ ދެ ބޭފުޅުން ފަސްދާނުލުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


މިނިސްޓަރުގެ މި ދަތުރުފުޅުގައި އީރާނުގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ދެންނެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


އީރާނުގެ ރައީސް އާއި ޚަރިޖީ ވަޒީރު ދަތުރުކުރެއްވި ހެލިކޮޕްޓަރ ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވީ މި މޭ މަހުގެ 19 ވަނަ ދުވަހުގެ ރެއެވެ.


މި ހާދިސާއާއި ގުޅިގެން ރައީސް ޑރ. މުއިއްޒު ވަނީ އީރާނުގެ ރައީސް އާއި ޚާރިޖީ ވަޒީރު އަވަހާރަވި ހިތާމަވެރި ޚަބަރާ ގުޅިގެން އީރާނުގެ އިންތިޤާލީ ރައީސް މުޙައްމަދު މުޚްބަރުއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ. އަދި އީރާނަށް ކުރިމަތިވެފައިވާ ގައުމީ ހިތާމައިގެ މި ދަނޑިވަޅު އެ ގައުމުގެ ސަރުކާރާ ރައްޔިތުންނާއެކު ދިވެހި ސަރުކާރާ ރައްޔިތުން ތިބިކަން ހާމަކުރައްވާފައެވެ.


އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމައިގާ ރަސްމީގޮތުން ހިތާމަ ފާޅުކުރެއްވުމުގެ ގޮތުން މޭ 21 ވޗަނަ ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު