ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެމަތީ ޝަރަފް، މަރްހޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް

1 month ago

އަފްރާހް

ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.


މި ޝަރަފު އެރުއްވުމަށް އެމަނިކުފާނު ކަނޑައެޅުއްވީ، ދިވެހި ގައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމަށްވާ، ދިވެހީންގެ ދީނާއި، ދިވެހީންގެ ދިވެހިބަހާއި، ތަރިކައާއި، ސަގާފަތާއި މި ދެންނެވި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްގީއަށް މަގުފަހިކޮށްދެއްވައި، ޢިލްމުގެ ނޫރު ފެތުރުއްވުމަށް ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ކުރައްވާފައިވާ ޤައުމީ ޚިދުމަތަށްޓަކައެވެ.


ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސް ދެއްވާނީ ޝަރަފުގެ އައްޑަނައެވެ.


‎ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފަކީ، ދިވެހި ޤައުމިއްޔަތަށް ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ރައީސް ދެއްވާ އެންމެ މަތިވެރި ޝަރަފެވެ. މި ހާއްސަ ޝަރަފު ދެއްވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނުގެ 6 ވަނަ މާއްދާއިން ރައީސް އަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.


‎ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވުން އޮންނާނީ، މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާ އޮންނާނީ، މާދަމާ ހެނދުނު 9 ޖަހާއިރު ދަރުބާރުގޭގައެވެ.


‎ޤައުމީ ދުވަހުގެ މުނާސަބަތުގައި މި ބާއްވަވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުން އޮންނާނެއެވެ. މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ 7 ބޭފުޅަކަށެވެ.


އެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ، ދެމިހުންނަނިވި ޚާއްޞަ ޚިދުމަތެއް ކުރުމުގެ ދާއިރާއިން އެ ބޭފުޅެއްގެ ހަނދާނަށެވެ. އެ ބޭފުޅަކީ، އެ ބޭފުޅެއްގެ އަޑުފުޅުން ޒަމާންތަކަށް ދެމިހުންނާނެ ފަދަ ގޮތަކަށް ރާއްޖޭގެ ރައްޔިތުންނަށް ވަރަށް އަގުހުރި ހަދިޔާއެއް ކޮށްދެއްވާފައިވާ އަދި ދެމިހުންނަނިވި ޚާއްޞަ ޚިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވާ ހެންވޭރު ހާޖަރާގޭ އަލްމަރްޙޫމް މުޙައްމަދު ތައުފީޤެވެ. އަލްމަރްޙޫމް މުޙައްމަދު ތައުފީޤުގެ ހަނދާނަށް މި ޝަރަފު މި އަރުވަނީ، ކީރިތި ރަސޫލާގެ ސިޔަރަތު އަޅުގަނޑުމެންނަށް ގެނެސްދެއްވާފައިވާލެއް ފުރިހަމަކަމާއި، ސިޔަރަތު އަޑުއެހުމަށް އަޅުގަނޑުމެންގެ ހިތްތަކުގައި އޮންނަ ޝައުޤުވެރިކަން އިތުރުކުރެއްވުމަށް މުޙައްމަދު ތައުފީޤު ކުރެއްވި ޤައުމީ ޚިދުމަތަށްޓަކައި ވެސް މެއެވެ.


‎މި އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ 10 ބޭފުޅަކަށެވެ. އަދި ކުންފުންޏަކަށެވެ. ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު