4 months ago
ފަލަސްޠީނުގެ ކުދިންނަށް ދުނިޔޭގެ އޯގާތެރިކަމާއި، އެކުދިންގެ މުސްތަޤުބަލު އަނބުރާ ހޯދުމަށް އަވަސް ފިޔަވަޅުތަކެއް ހައްޤުވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވެފައިވަނީ ކުޑަކުދިންގެ ޙައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ޤައުމީ ޕުލޭން އިފްތިތާހުކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައެވެ.
ދުނިޔޭގެ ހުރިހާ ކުދިންނަށްވެސް، އެއްވެސް ތަފާތުކުރުމެއްނެތި، ރައްކާތެރި އަދި އޯގާތެރި މާޙައުލެއްގައި އުޅުމުގެ ޙައްޤު އޮންނަންޖެހޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ފަލަސްޠީނުގެ ކުޑަކުދިންގެ ޙާލަތު ފާހަގަކުރައްވާ، ވެސްޓް ބޭންކާއި ޣައްޒާ ސްޓްރިޕާއި ފަލަސްޠީނާއި އެ ޤައުމުގެ ރައްޔިތުން ވޭތުވެދިޔަ 76 އަހަރު ތަޙައްމަލުކުރަމުން އައި ދަތި ހާލު ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން ވޭތުވެދިޔަ 9 މަސްދުވަހުގެ ތެރޭގައި 25،000 ކުދިން ޔަތީމުވެ، 100،000 މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި އަތްފައި އައިބުވެ، ގެއްލިފައިވާ 30،000 ކުދިން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
14،000 އަށްވުރެ ގިނަ ކުދިން ދުނިޔެއާ ވަކިވެފައިވާއިރު، އެތައް ހާސް ކުދިންނެއް ވަނީ ޒަޚަމްވެފައި ކަމަށާއި، ޣައްޒާގެ ހުރިހާ ކުދިންވެސް ވަނީ ހަނގުރާމައިގެ ނުރައްކާތެރި ތަޖުރިބާތަކާ ކުރިމަތިލާންޖެހިފައިކަމަށް ވަޒީރު ވިދާޅުވިއެވެ. އެއާއެކު، މީގެ އަސަރު އެ ކުދިންގެ މުޅި އުމުރަށް ދެމިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވީ، ގެދޮރު ގެއްލި ތަންތަނަށް ދާންޖެހުމާއި ފަލަސްޠީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ދިރިހުރި ކުދިންވެސް ވަނީ ތަޢުލީމާއި، އަސާސީ ހައްޤުތަކުން މަޙުރޫމުވެފައިކަމަށެވެ. ވަޒީރުގެ ވާހަކަފުޅުގައި، ސްކޫލްތަކާއި، ހިޔާވަހިކަން ދޭ ތަންތަނާއި، ހޮސްޕިޓަލްތަކަށް ބޮންއެޅުމާއި، އެތަންތަން ވީރާނާކޮށްލުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
ހުރިހާ ކުދިން ވެސް އަނިޔާވެރިކަމުން ރައްކާތެރިކޮށް، ސަރުކާރާއި، މުޖުތަމަޢުތަކާއި، ވަކިވަކި ފަރުދުން އެއްބައިވެގެން މަސައްކަތްކޮށް، ކޮންމެ ކުއްޖަކުވެސް ރައްކާތެރިކޮށް، އަގުވަޒަންކޮށް، ބާރުވެރިކުރުވާ މުޖުތަމަޢެއް ބިނާކުރުމަށް އަޒުމު ކަނޑައެޅުމަށް ވަޒީރު ގޮވާލެއްވިއެވެ.