އެންމެއިސްކަން ދެނީ ކުޑަކުދިންގެ ދުޅަހެޔޮކަމާއި އެކުދިންގެ މުސްތަގްބަލަށް: މެޑަމް ސާޖިދާ

1 month ago

އަފްރާހް

ކުޑަކުދިންގެ ދުޅަހެޔޮކަމާއި އެކުދިންގެ މުސްތަޤުބަލަކީ އެންމެ އިސްކަންދޭ ކަންތައްތައް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.


އެކަމަނާ މިހެން ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށް، އަނިޔާ ލިބިފައިވާ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލައިފައިވާ ގައުމީ އެކްޝަން ޕްލޭން އިފުތިތާހު ކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.


އެކަމަނާ ވިދާޅުވީ މި އެކްޝަން ޕްލޭން އިފުތިތާހު ކުރެވިގެން ދިއުމަކީ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށް، އަނިޔާ ލިބިފައިވާ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ކުރިޔަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައެވެ.


މީގެއިތުރުން މިއީ އަނިޔާ ލިބިފައިވާ ކުދިންނަށް ރައްކާތެރިކަން ދިނުމާއި އެފަދަ ކުދިން ހިމާޔަތްކުރުން ފަދަ ކަންކަން ހިނގިޔަ ނުދިނުމަށް މަސައްކަތްކުރުމާއި އެފަދަ ކަންކަމާމެދު ޢަމަލުކުރާނެ ގޮތްތަކުގެ ސާފު މަގުޗާޓެއް ހިމެނޭ ވަރަށް ފުރިހަމަ ޕްލޭނެއްކަން ވެސް ފާހަގަކުރެއްވިއެވެ.


އެކަމަނާ ވަނީ ކޮންމެ ކުއްޖަކީ ވެސް ޒިންމާދާރު، ވިލުންތެރި، އަމިއްލަ ނަފުސަށް އިތުބާރު އޮންނަ ފަރުދެއްގެ ގޮތުގައި އަދި އަނިޔާއާ ދުރު މުޖުތަމައެއްގައި ހުރެ ހެދިބޮޑުވަމުން އަންނަ ފަރުދަކަށް ވުމީ އެކަމަނާ ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ތަސައްވުރުކަން ވެސް ފާހަގަކުރައްވާފައެވެ.


އެ ތަސައްވުރަށް ވާސިލުވުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމާއި ރައްކާތެރި މާހައުލެއް އުފެއްދުމާއި މި ކަންކަމަށް މަގުފަހިވާގޮތަށް ކުދިން ތަރުބިއްޔަތު ކުރުމުގައާއި އާއިލާތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.


އެކަމަނާ ވަނީ އަނިޔާއަށް ހުށަހެޅިފައިވާ ފަރާތަކަށް ރައްކާތެރިކަމުގެ އިތުރަށް އެތައްކަމެއް ބޭނުންވާނެކަން ވެސް ފާހަގަކުރެއްވިއެވެ. އެގޮތުން އެ ބިރުވެރި ތަޖުރިބާތަކުން އަރައިގަނެވި، ޝިފާލިބި އަދި އަލުން އުންމީދާ އިތުބާރު ހޯދުމަށް އެކުދިންނަށް އެއްބާރުލުން ބޭނުންވާކަމުގައި އެކަމަނާގެ ވިދާޅުވިއެވެ.


ހަމަމިއާއެކު އެކުދިންނަކީ ވިލުންތެރި ބަޔަކަށް ހެދުމާއި އެމީހުންގެ ބޭނުންތަކަށް އިސްކަންދީގެން ކުރިޔަށްގޮސްފިނަމަ އެއީ އެކުދިންނަށާއި މުޅިގައުމަށް ވެސް މާއުޖާލާ މުސްތަޤުބަލެއް ހޯދުމަށް އެޅިގެންދާނެ ބިންގަލަކަށްވާނެ ކަމުގައި ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު