4 months ago
ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.
މިއީ މިއަހަރުގެ އޯގަސްޓު 22 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ބިލުން ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ވިޔަފާރިކުރެވޭ އުސޫލު ބަދަލުކޮށް، ބޭރު ކުންފުނިތަކާއި ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކަށް، ވަކިކަންތައްތަކެއް ފުރިހަމަކުރުމުން ވިޔަފާރިކުރެވޭގޮތަށް އިސްލާހު ގެނެސްފައިވެއެވެ.
އެގޮތުން، ބޭރުގެ ފަރާތަކީ ކުންފުންޏެއްނަމަ، ކުންފުނި ރާއްޖޭގައި ރީ-ރަޖިސްޓަރީކުރުމާއި، ކުންފުންޏަކަށްނުވާނަމަ، ކުންފުންޏާބެހޭ ގާނޫނު ނުވަތަ ޕާޓްނަރޝިޕް ގާނޫނުގެ ދަށުން ކުންފުންޏެއްގެ ނުވަތަ ޕާރޓްނަރޝިޕެއްގެ ގޮތުގައި ރާއްޖޭގައި ރަޖިސްޓަރީކުރުމާއި، ފޮރިން އިންވެސްޓްމަންޓު ގާނޫނުގެ ދަށުން ރާއްޖޭގައި އިންވެސްޓްކުރުމުގެ ހުއްދަ ހޯދުންފަދަ ކަންކަން ފުރިހަމަކުރުމަށް ލާޒިމުކޮށްފައިވެއެވެ.
މީގެއިތުރުން އިސްވެދެންނެވުނު ކަންކަން ފުރިހަމަކުރުމަކާނުލައިވެސް ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން ހުއްދަކުރާ ބާވަތެއްގެ ސެކިއުރިޓީޒްގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރެވޭނޭ މަގު ފަހިކޮށްދީފައިވެއެވެ. އަދި މި ސެކިއުރިޓީޒްގައި އިންވެސްޓްކުރަން އެދޭ ބޭރުގެ ފަރާތަކީ، އެކުއިޓީގައި އިންވެސްޓްކުރަން އެދޭ ފަރާތެއްނަމަ، ސެކިއުރިޓީޒް މުޢާމަލާތެއްގައި އެފަރާތަކުން ގަންނަ ހިއްސާގެ މިލްކުވެރިކަން 10 އިންސައްތައަށްވުރެ އިތުރުވެގެންނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން މި ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފައެވެ.
މި ގާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.