ސްޓެލްކޯ މުވައްޒަފުންގެ ހިތްވަރު މިފަހަރު ފެނުނީ މޫދުން

7 months ago

އަފްރާހް

އއ. ތޮއްޑޫގައި މޫދަށް އެރި ތިބި ކުދިންތަކަކަށް ސްޓެލްކޯ މުވައްޒަފުންގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.


ސްޓެލްކޯ އިން 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ، މިއަދު ހަވީރު ކޮޅިގަނޑެއް އައި ވަގުތު އއ. ތޮއްޑޫގައި މޫދަށް އެރި ތިބި ކުދިންތަކެއް އެ ކޮޅިގަނޑުގައި ޖެހި އެއްގަމަށް ނާދެވިގެން އުޅެނިކޮށް، އެ ކުދިން ސަލާމަތްކޮށް އެއްގަމަށް ގެނައުމަށް އެވަގުތު އެ ސަރަހައްދުގައި ތިބި މި ކުންފުނީގެ ހިތްވަރުގަދަ މުވައްޒަފުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.


މީގެއިތުރުން ކޮޅިގަނޑުގެ ސަބަބުން ބިންދައިގެންދިޔަ ބައެއް ގަސްގަހުގެ ބައިތައް ގޭގޭގެ ފުރާޅަށް ވެރުމާއި ގުޅިގެން ލިބުނު ގެއްލުންތަކުން ސަލާމަތް ކުރުމަށް ވެސް އެ ކުންފުނީގެ ހީވާގި މުވައްޒަފުންގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.


ސްޓެލްކޯ އިން ވަނީ ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި އެކުންފުނީގެ މުވައްޒަފުން އަބަދު ވެސް ދެމިތިބޭނީ ހިތްވަރާއި ކެރުމާއިއެކު އެންމެ އިސް ސަފުގައި، އިޚްލާސްތެރިކަމާއިއެކު ރައްޔިތުންގެ ޚިދުމަތުގައި ކަމުގައި ވިދާޅުވެފައެވެ. 


ކިޔުންތެރިންގެ ހިޔާލު