އެމް.ޑަބްލިޔު.އެސް.ސީ އިން ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީއެއް ބަހައްޓަނީ

1 month ago

އަފްރާހް

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) ގެ "ވޯޓަރ ސެކިއުރިޓީ ޕްލޭން" ގެ ދަށުން ހުޅުމާލޭގައި 10 ހާސް ޓަނުގެ ފެން ރައްކައުކުރެވޭ ތާނގީއެއް ބެހެއްޓުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. 


މިއަދު އެމް.ޑަބްލިޔު.އެސް.ސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ތާނގީ ބެހެއްޓުމުގެ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑަކްޓަރު ޢަބްދު މުއްޠަލިބް އާއި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދުއެވެ. 


މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ގެ އިސްވެރިންނާއި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖްމަންޓް ޓީމުން ބައިވެރިވެ ވަޑައިގަތެވެ.


އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުން އަމިއްލައަށް ރާވާ، ބަހައްޓާ، 10 ހާސް ޓަނުގެ މި ތާނގީއަކީ، މިހާތަނަށް ބެހެއްޓޭ އެންމެ ބޮޑު ތާނގީއެވެ. މި ތާނގީގެ މަސައްކަތްތައް ނިމުމާއިއެކު ހުޅުމާލޭގައި ފެން ރައްކައުކުރެވޭ މިންވަރު 22،000 ޓަނަށް އިތުރުވެގެންދާނެއެވެ. 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ނިންމުމަށް ތާވަލުކޮށްފައިވާ މި މަޝްރޫޢަށް 34.7 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާ ކުރެވެއެވެ. 


މި މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގައި ފެން ރައްކައުކުރެވޭ މިންވަރު އިތުރުކޮށް، މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެން ފޯރުކޮށްދިނުމަށް، މިކުންފުނިން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެއެވެ.


ގްރޭޓަރ މާލޭ ސަރަހައްދުގެ ވޯޓަރ ސެކިއުރިޓީ ޕްލޭންގެ ދަށުން، އެމް.ޑަބްލިއު.އެސް.ސީން، ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ ދެ ސަރަޙައްދެއްގައި ފެން އުފައްދާ މަރުކަޒުތައް ވަނީ ޤާއިމްކޮށްފައެވެ. ސިނަމާލެ ބުރިޖު މެދުވެރިކޮށް، މި ކުންފުނިން އަޅާފައިވާ ފެންހޮޅީގެ ޒަރިއްޔާއިން، މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅައިލުމަށް ބޭނުންވާ ޕަމްޕް ސްޓޭޝަންތައް ޤާއިމްކުރުމުގެ މަސައްކަތްތަކުގެ އިތުރުން، މާލޭގެ 378 ނަންބަރު ކޮށީގައި ފެން ރައްކައުކުރާ އިތުރު ދެ ތާނގީ ބެހެއްޓުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. 


މިއީ ގްރޭޓަރ މާލެ ސަރަހައްދުގައި ފެން އުފެއްދުމާއި، ރައްކައުކުރުމާއި، ފެން ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުކޮށް، ރައްޔިތުންނަށް ފޯރުކޮށްދެވޭ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް އެމް.ޑަބްލިޔު.އެސް.ސީން ފަށައިފައިވާ މުހިންމު މަސައްކަތްތަކެކެވެ.


އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކައުތެރި ނަރުދަމާގެ ޚިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުމެވެ. 


ކިޔުންތެރިންގެ ހިޔާލު