ނައިބު ރައީސްގެ އިލްތިމާސް: ގައުމުދެކެ ލޯބިވުން އިސްކޮށް، ގައުމަށް ހިދުމަތްކުރުމުގައި ދެމިތިބޭ

1 month ago

އަފްރާހް

ގައުމުދެކެ ލޯބިވުން އިސްކުރުމަށާއި ގައުމަށް ޚިދުމަތްކުރުމުގައި ދެމިތިބުމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިލްތިމާސްކުރައްވައިފިއެވެ.


އެމަނިކުފާނު މިފަދައިން އިލްތިމާސް ކުރެއްވީ މިއަހަރުގެ ގައުމީ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައެވެ.


އެ ހިތާބުގައި ދުވަހުގެ ތަހުނިޔާ ވިދާޅުވެފައިވާއިރު، ދިވެހި ގައުމުގެ މިނިވަންކަމަށް ބުރުއަރާނެ އެއްވެސް ކަމަކަށް ފުރުސަތެއް ނުދެއްވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


މީގެއިތުރުން މީގެ 465 ވަރަކަށް އަހަރު ކުރިން މުޙައްމަދު ތަކުރުފާނު އިސްވެ ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދަކީ ހުރިހާ ޒަމާނަކަށް އޮތް ނަމޫނާއެއްކަން ފާހަގަކުރައްވައި، މި މަތިވެރި ޖިހާދުން އިބުރަތް ހާސިލްކޮށް މި ގައުމު މިނިވަންކަންމަތީ ބޭއްވުމަށް ކޮންމެ ދިވެއްސަކު ވެސް ޢަޒުމު ކަނޑައަޅަންޖެހޭކަމަށް ވިދާޅުވިއެވެ.


އެމަނިކުފާނު ވަނީ ދިވެހިންގެ އަމިއްލަވަންތަކަން ދަމަހައްޓާ، ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން މިނިވަން ގައުމެއްގެ ގޮތުގައި ދިވެހިގަައުމު ބޭއްވުމަށް މިފަދަ ދުވަހެއްގައި ޢަޒުމު ކަނޑައަޅަންޖެހޭކަމަށް ވެސް ވިދާޅުވެފައެވެ.


ރާއްޖޭގެ ގައުމީ ދުވަހަކީ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ. މި ދުވަހަކީ ޕޯޒުގީޒުންގެ އަޅުވެތިކަމުގެ ދަށުން 6 ބޭކަލަކު އިސްވެ، ޖިހާދު ކުރައްވާ ދިވެހި ގައުމަށް މިނިވަންކަން ހޯއްދަވާދެއްވި ދުވަހެވެ.


އެއީ 1573 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ. މި ދުވަހުގެ ބަޠަލަކީ ހއ. އުތީމަށް އުފަން އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމެވެ.


ކިޔުންތެރިންގެ ހިޔާލު