ފޮރިން މިނިސްޓަރ ޒަމީރު ޤަތަރަށް

5 months ago

އަފްރާހް

ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ގަތަރަށް ވަޑައިގެންފިއެވެ.


'އެކްސް' ގައި އެމަނިކުފާނު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ މިއީ މިނިސްޓަރުގެ މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ގަތަރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމަށެވެ. އަދި މިއީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.


މޭ 11 އިން 13 އަށް ކުރައްްވާ މި ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ބޮޑު ވަޒީރު އަދި ފޮރިން މިނިސްޓަރ ޝައިޚް މުޙައްމަދު ބިން އަބްދުލްރަހްމާން ބިން ޖާސިމް އަލް-ޘާނީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.


މީގެއިތުރުން މި ބައްދަލުކުރެއްވުމުގެ ތެރެއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވެއެވެ.


ހަމަމިއާއެކު އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރައްވައި، ދެގައުމުގެ މެދުގައި ގުޅިގެން ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.


އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެ މިނިސްޓްރީގެ ބައިލެޓްރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި އެމްބެސެޑަރ އެޓް ލާޖް ޑރ. ފަޒީލް ނަޖީބު ބައިވެރިވެވަޑައިގަންނަވައެވެ.


މި އަހަރަކީ ރާއްޖެއާއި ގަތަރާއި ދެމެދު ޚާރިޖީ ގުޅުން ގާއިމު ކުރިތާ 40 އަހަރު ފުރޭ އަހަރެވެ.


ކިޔުންތެރިންގެ ހިޔާލު