ބީ.ބީ.އެން.ޖޭ. މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފި

1 month ago

އަފްރާހް

މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ މުޢާހަދާ (ބީ.ބީ.އެން.ޖޭ. މުޢާހަދާ) ގައި ރާއްޖެއިން ސޮއިކޮށްފިއެވެ.


ސެޕްޓެމްބަރ 3 ވަނަ ދުވަހުގެ މެންދުރު ވަގުތު އ.ދ. ގެ މައިމަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މުއާހަދާ ގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ، އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު އެވެ.


އެގޮތުން، 2015 ވަނަ އަހަރުގައި އދ. ގެ އާންމު މަޖިލީހުން ގާނޫނީ ގޮތުން ބަނދެވޭ މާކަނޑުގެ ދިރުންތަކާއި ސަރަހަައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ ގާނޫނީ މަސްދަރެއް އެކުލަވާލުމަށް ނިންމަވާފައިވެއެވެ.


އެ ނިންމެވުމަށް ފަހު 2016 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އެ ގާނޫނީ މަސްދަރުގައި ހިމެނޭނެ މައުޟޫއު އެކުލަވާލުމަށް ފަހު، 19 ޖޫން 2023 ގައި އިސްވެ ބަޔާންކުރެވުނު ގާނޫނީ މަސްދަރު މުއާހަދާއެއްގެ ސިފައިގައި ފާސްކޮށްފައިވެއެވެ. އަދި 11 ފެބްރުވަރީ 2024 ގައި ބޭއްވުނު ވަޒީރުންގެ މަޖްލީހުގައި އިސްވެ ބަޔަންކުރެވުނު މުއާހަދާ ރާއްޖެއިން ސޮއިކޮށް، ތަސްދީގުކުރުން މުހިންމު ކަމަށް ނިންމެވުމަށް ފަހު، އެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި 29 ފެބްރުވަރީ 2024 ގައި ސަރުކާރުން ރައްޔިތުންގެ މަޖްލީހުގެ ރުހުން ހޯދުމަށް ހުށަހަޅާފައިވެއެވެ.


މީގެއިތުރުން 13 މެއި 2024 ގައި ބަޔާންކުރެވުނު މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވެއެވެ.


ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިމެނޭ އެންމެހައި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަކީ ރާއްޖޭގެ ވަރަށް މަތީ މަސްއޫލިއްޔަތެއް ކަމުގައިވާއިރު، އެ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭރުގައި ހިމެނޭ ސަރަހައްދު ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރަމުންދާކަން ކަށަވަރުކުރުމަކީ އެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.


އެގޮތުން، ސޮއިކޮށްފައިވާ މުއާހަދާގެ ދަށުން ބޮޑެތި ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކުރުމުގެ އިޖުރާއަތު ގާއިމުކޮށްފައިވެއެވެ. އަދި ކަނޑާ ގުޅޭ ޓެކްނޮލޮޖިކަލް މައުލޫމާތު ހިއްސާކުރުމާގުޅޭ ކަންތައްތައް ވެސް އެ މުއާހަދާގައި ހިމެނިފައިވާ ކަމާއި މޫއުސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމާ ގުޅޭ ޝަކްލީ ކަންތައްތައް އެ މުޢާހަދާގައި ހިމެނިފައިވެއެވެ. އަދި މި އެންމެހާ ކަންތައްތަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ލިބޭ މަންފާތައް ޙިމާޔަތްކުރުމަށް މުހިންމު ކަންތައްތަކެއް ކަމުގައިވާތީ، މި މުޢާހަދާގައި ބައިވެރިވުމުން ރާއްޖެ އަށް ނުހަނު ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަން ފަހަގަކުރެއެވެ.


ރާއްޖެ މުޢާހަދާގައި ސޮއިކުރުމާ ހަމައަށް ޖުމްލަ 91 ގައުމަކުން ސޮއިކޮށްފައިވާ ކަމާއި އަދި ޖުމްލަ 8 ޤައުމަކުން ތަސްދީގުކޮށްފައިވާކަން ފާހަގަކުރަެވެއެވެ. 20 ސެޕްޓެމްބަރު 2025 ގެ ނިޔަލަށް ހުރިހާ ގައުމަކުން ސޮއި ކުރުމަށް ހުޅުވާލާފައިވާ މި މުއާހަދާއަށް ޢަމަލުކުރަން ފަށާނީ 60 ވަނަ ގައުމުން މި މުއާހަދާ ތަސްދީގުކުރިތާ 120 ދުވަސް ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު