ދިވެހި ގައުމިއްޔަތުގެ އިސްވަރު ވާނީ ގާނޫނުން ބާރުލިބިދޭ ދިވެހި ގައުމީ ތަރިކައިގެ ކޮލެޖަކަށް: ރައީސް

1 month ago

އަފްރާހް

މުސްތަގުބަލުގައި ދިވެހި ގައުމިއްޔަތުގެ އިސްވަރު ވާނީ ގާނޫނުން ބާރުލިބިދޭ ދިވެހި ގައުމީ ތަރިކައިގެ ކޮލެޖަކަށް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


ރައީސ މިހެން ވިދާޅުވީ ދަރުބާރުގޭގައި ބޭއްވެވި ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.


މި ޖަލްސާގައި ދިވެހި ގައުމިއްޔަތުގެ އިސްވަރު އިފުތިތާހު ކޮށްދެއްވާފައި ވިދާޅުވީ މި ކޮލެޖަކީ ރާއްޖޭގައި މިހާތަނަށް އަދި ނުއުފައްދާ ބާވަތެއްގެ ކޮލެޖަކަށް ވާނެކަމުގައެވެ. އެގޮތުން އެކޮލެޖު ވާނީ މެންބަރުންގެ ވިޔުގަތަކެއްގެ މައްޗަށް އެކުލެވިގެންވާ މެންބަރ ޝިޕު ކޮލެޖަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.


އެމަނިކުފާނު ވިދާޅުވީ މި ކޮލެޖުގެ މައިގަނޑު ބޭނުމަކީ ދިވެހީންގެ ތަރިކައާއި ސަގާފަތާއި ތާރީހާއި އަމިއްލަވަންތަ އަސްލުތަކަށް އިލްމީ ގޮތުން މީގެ ފަހުން އަބަދު ވެސް ބަލަމުން ބަލަހައްޓަމުން ގެންދިއުމާއި ދިވެހި ގައުމިއްޔަތަކީ ދިވެހީންގެ ދިރިއުޅުމުގެ ބައެއްކަމުގައި ހެދުންކަމުގައެވެ.


ދިވެހި ގައުމިއްޔަތުގެ އިސްވަރަކީ ރައީސް އެކަށައަޅުއްވާފައިވާ ދިވެހި ގައުމިއްޔަތު އިޔާދަ ކުރުމުގެ ގައުމީ ނިޒާމުގެ މުހިންމު އެއް ގުނަވަނެވެ. މި އިސްވަރު އެކުލެވިގެން ވަނީ މައިގަނޑު 5 ދާއިރާއެއްގެ މައްޗަށެވެ. އެ ފަސްދާއިރާއަކީ، ދިވެހިބަހުގެ ދާއިރާއާއި ދިވެހި ތާރީހާއި ދިވެހި ތަރިކައިގެ ދާއިރާއާއި ދިވެހި ސުމޭކުގެ ދާއިރާ އަދި ދިވެހި ފަންނުގެ ދާއިރާއެވެ.


މިރަސްމިއްޔާތުގައި ރައީސް ވަނީ ގައުމިއްޔަތުގެ އިސްވަރުގެ ކައުންސިލުގެ ބޭފުޅުންނަށް އިސްވާރުކަމުގެ ރަސްމީ ލިއުން ހަވާލުކޮށްދެއްވާފައެވެ.


މިކައުންސިލުގައި ހިމެނިވަޑައިގަންނަވަނީ ދިވެހިބަހުގެ އިސްވާރު މަރްޔަމް ތައުފީޤާ މ. ޑްރީމީ ލައިޓް، ދިވެހި ތާރީޚުގެ އިސްވާރުކަން - އަލްއުސްތާޛް ކަށިމާ އަޙްމަދު ޝާކިރު މއ. ކަށިމާ، ދިވެހިތަރިކައިގެ އިސްވާރުކަން - ޙަސަން ޒަރީރު ސ. މަރަދޫ ލޮނުފެން، ދިވެހި ސުމޭކުގެ އިސްވާރުކަން - މުޙައްމަދު ޢަބުދުލްޤާދިރު ގ. ގޯޅިތެރޭގެ އަދި ދިވެހި ފަންނުގެ އިސްވާރުކަން – މަރްޔަމް ޢިޝާ ޢަޒީޒު ހ. ހާލި އެވެ.


ކިޔުންތެރިންގެ ހިޔާލު