ފަރުޟު ނަމާދުގެ ޖަމާއަތްތައް ބައިބޯކޮށް ފެންނަން ބޭނުން: ރައީސް

1 month ago

އަފްރާހް

ފަތިހު ހޭލާ ދިވެހި ގައުމަކާއި ހެނދުނާއި ދެނަމާދު ދޭތެރޭ ކީރިތި ގުރުއާން ކިޔެވުމުގައި ކުޑަ ކުދީން ޝައުޤުވެރިކަމާއެކު އުޅޭ ދިވެހި ގައުމެއް ދެކިވަޑައިގަންނަވަން ބޭނުންފުޅުވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


ދަރުބާރުގޭގައި ބޭއްވެވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފަރުޟު ނަމާދުގެ ޖަމާއަތްތައް ބައިބޯކޮށް ފެންނަން ބޭނުން ކަމަށެވެ.


"އެކަމުގެ މާތްކަމާއި އެކަމުގައި ހުރި ދަރުމައިގެ ގިނަކަން އަޅުގަނޑުމެން ކުރެ ކޮންމެ ދިވެއްސަކަށް އިޙްސާސްވާން ބޭނުން. ހަމައެހެންމެ މިސްކިތްތަކަށް އިހުގައި ކުރި އިޙްތިރާމު އަލުން ގެންނަން ބޭނުން." ރައީސް ވިދާޅުވިއެވެ.


މީގެއިތުރުން މި ސިފަތައް އާލާކުރުމަށް ކޮންމެ މީހަކު ވެސް އަމިއްލަ ނަފުސާ ހަމައިންފެށިގެން އާއިލާއަށާއި ގާތް މީހުންފެ ކިބައިގައި މި ސިފަތައް އަށަގެންނެވުމަށް ބާރުއެޅުއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި މި ގައުމުގައި އިސްލާމީ އަހްލާގާއެކު އިސްލާމީ ދިވެހި އާދަކާދަ ވެސް ދިރުވައި އާލާކުރަން ޖެހޭކަމުގައި ވިދާޅުވިއެވެ.


މި ކަމުގައިވެސް ދިވެހީންގެ ވަރަށް ކައިރި ތާރީޚު ދައްކަނީ އާދަޔާ ޚިލާފު ރީތި ނަމޫނާއެއްކަން ފާހަގަކުރައްވައި އޭރުގެ ދިވެހިންގެ އާދަކާދަތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އަދި ދިވެހީންގެ އަމިއްލަކަން ނުވަތަ ދިވެހި އައިޑެންޓިޓީ އިއާދަކުރުމުގައި ކުރީގެ ރިވެތި ސިފަތައް ބޭނުންފުޅުވާކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.


ރައީސް ވަނީ ދިވެހި ގައުމުގެ ގައުމިއްޔަތު ހިމާޔަތްކޮށް އިޔާދަކުރުމަށް ޢަޒުމު ކަނޑައަޅާ އެންމެން އެކަތިގަނޑަކަށްވެ، މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު