ޓްރޭޑިއަން ރަސްމީކޮށް ބޭނުންކުރަން ފަށަނީ މިއަހަރު ނޮވެމްބަރުމަހުން ފެށިގެން

1 month ago

އަފްރާހް

ޓްރޭޑިއަން ރަސްމީކޮށް ބޭނުންކުރަން ފަށާނީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމުގައި ޓްރޭޑު ނެޓުގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ އުމަރު ވިދާޅުވެއްޖެއެވެ.


ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" އިފްތިތާހުކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ސަޢީދާ ވިދާޅުވީ މިއީ ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ މުހިއްމު ބައެއް ކަމަށެވެ.


އޭނާ ވިދާޅުވީ މިހާރު އިފްތިތާހުކޮށްފައިވަނީ ސިންގަލް ވިންޑޯގެ ފުރަތަމަ ފިޔަވަހީގެ ހިދުމަތްތައް ކަމަށާއި މުޅި ސިސްޓަމް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ބޭނުންކުރަން ފެށޭނެ ކަމަށެވެ. އަދި މިފަދަ ބޮޑު ބަދަލެއް ވިޔަފާރީގެ މާހައުލަށް އަންނައިރު، އެކަމަށް ބޭނުންވާ ތަމްރީންތަކާއި ވަގުތު ވިޔަފާރިތަކަށް ދިނުމަކީ މި މަސައްކަތުގެ މުހިންމު ބައެއް ކަމުގައި ވިދާޅުވިއެވެ.


ޓްރޭޑިއަންގެ މަސައްކަތް ކޮށްފައިވަނީ އޭޝިއަން ޑިވެލޮޕްމަންޓު ބޭންކުގެ އެހީތެރިކަމާއެކު ކްރިމްސަން ލޮޖިކާއި ހަވާލުކޮށްގެންނެވެ. މި ޕްރޮޖެކްޓަކީ އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވުޒާރާއާއި ޓްރޭޑް ނެޓް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.


މި ޕްރޮޖެކްޓަކީ ދިވެހި ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް މަގުފަހިކޮށްދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން، ކުރިއަށްގެންދިޔަ ވަރަށް މުހިންމު މަސައްކަތެކެވެ.


މިއީ ވިޔަފާރީގެ ބޭނުންތަކަށް އެކި އިދާރާތަކުން ހޯދަމުން އައި ހިދުމަތްތައް، އޮންލައިންކޮށް އެއް ޕްލެޓްފޯމެއްގެ ތެރެއިން ހޯދޭނެގޮތަށް ބަދަލުކޮށް، ވިޔަފާރިވެރިންނަށް ދިމާވަމުންދާ ދަތިތަކަށް ބޮޑު ލުޔެއް ގެންނާނެ ހިދުމަތެކެވެ. 


ކިޔުންތެރިންގެ ހިޔާލު