ރައީސް މަސައްކަތް ކުރައްވަނީ ދިވެހީންނަކީ ދުނިޔޭގައި ވެސް ވިދާލާ ބަޔަކަށް ހެދުމަށް: ޣައްސާން

1 month ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ދިވެހީންނަކީ ދުނިޔޭގައި ވެސް ވިދާލާ ބައެއްކަމުގައި ހެދުމަށް ކަމަށް ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.


ރާއްޖޭގެ ގައުމީ ދުވަހުގެ ތަހުނިޔާ މެސެޖްގައި މިނިސްޓަރ ވިދާޅުވީ ގައުމީ ދުވަހަކީ ދުނިޔޭގެ ޗާޓުގައި ދިވެހީންގެ ހިތްވަރާއި ފަންވަރު ދައްކުވައިދިން ދުވަހެއް ކަމަށެވެ. އަދި ދިވެހީންނަކީ މީސްކޮޅު މަދު ބައެއް ނަމަވެސް އަސްކަރީ ގޮތުން ކުޅަދާނަ ބައެއްކަން ގައުމީ ދުވަހު ދައްކުވައިދިންކަން ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހި އަސްކަރިއްޔާގެ އާރާއި ބާރު އަލުން ގާއިމުކުރުމަށް ކަމަށް ވެސް މިިނިސްޓަރ ވަނީ ވިދާޅުވެފައެވެ.


ހަމަމިއާއެކު ރައީސް މަސައްކަތް ކުރައްވަނީ ދިވެހީންނަކީ ދުނިޔޭގައި ވެސް ވިދާލާ ބައެއްކަމުގައި މުޅި ދުނިޔެއަށް ވެސް ދައްކަވައިދެއްވާ ރައްޔިތުންނަށް އިތުރު އުފާ ފާގަތިކަން ގެނެސްދެއްވަން ކަމުގައި ވެސް ވިދާޅުވިއެވެ.


ދިވެހި އަސްކަރިއްޔާ އިތުރަށް ބާރުވެރިކޮށް ދިވެހީން އަމިއްލައަށް ދިވެހީންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ރައީސްގެ ވައުދުފުޅަކަށްވާއިރު، އެ ވައުދުފުޅުގެ ދަށުން އެމަނިކުފާނު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ސިފައިންގެ ހިދުމަތަށް "އެއަރ ކޯ" ތައާރަފު ކުރައްވާފައެވެ. މިއާއެކު ވައިގެ މަގުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ދިވެހި އަސްކަރިއްޔާއަށް ވަނީ ލިބިގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު