ސައުދީ ރަސްގެފާނަށް ރައީސް ޑރ. މުއިއްޒު ތައުޒިޔާ ފޮނުއްވައިފި

1 month ago

އަފްރާހް

މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.


މިއީ ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ޚާންދާނަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަނބަލެއްކަމަށްވާ، އަލްއަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އާލް ސުޢޫދު އަވަހާރަވުމާއި ގުޅިގެން ފޮނުއްވި މެސެޖެކެވެ.


އެމަނިކުފާނުގެ މެސެޖުގައި ވަނީ އަލްއަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އާލް ސުޢޫދުގެ ހެޔޮ ހަނދާންތަކުން، މި އުނދަގޫ ދަނޑިވަޅުގައި ޢާއިލީ ހިތާމަތަކަށް ކޮންމެވެސްވަރެއްގެ ލުޔަކާއި ތަސައްލީއެއް ލިބުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި ރަސްގެފާނަށާއި، ޝާހީ ޢާއިލާއަށް ކެތްތެރިކަމަށް އެދިވަޑައިގެންފައެވެ.


މީގެއިތުރުން މަރްޙޫމާގެ ފުރާނަފުޅަށް ރަޙުމަތްލެއްވުންއެދި ހެޔޮ ދުޢާކުރުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވާކަން ތަޢުޒިޔާގެ މި މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.


ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ އަލްއަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އާލް ސުޢޫދުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވައި، މަރުޙޫމާގެ ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރައްވަމުންނެވެ.


ހަމަމިއާއެކު ރަސްގެފާނަށާއި، ޝާހީ ޢާއިލާއަށާއި، އެ ޤައުމުގެ ރައްޔިތުންނަށް މި ކުރިމަތިވި ހިތާމަވެރި ހާލަތުގައި، ހަމަޖެހުމާއި ހިތްވަރު މިންވަރުކޮށްދެއްވުން އެދިވަޑައިގެން ވަނީ ދުޢާ ދަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު