މިނިސްޓަރ ރާފިއުގެ ނަސޭހަތުގެ ބަސްކޮޅެއް ކުޅުންތެރިންނަށް

1 month ago

އަފްރާހް

އަބަދުވެސް އަމާޒަކަށް ހަދަންވީ ކާމިޔާބީ ހޯދުން ކަމަށް ސްޕޯޓްސް މިނިސްޓަރ އަބްދު ރާފިޢު ވިދާޅުވެއްޖެއެވެ.


މިނިސްޓަރ މިހެން ވިދާޅުވީ ކާވާ އަންހެން ވޮލީބޯޅަ ޗެލެންޖު 2024 ގައި ވާދަކުރާ ގައުމީ ވޮލީބޯޅަ ޓީމަށް ޖާރޒީ ހަވާލްކޮށްދެއްވުމަށްފަހު ޓީމާ ވާހަކަދައްކަވަމުންނެވެ.


ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވައި އެމަނިކުފާނު ވިދާޅުވީ ކޮންމެ ކަމެއްގައި ވެސް، އަބަދު ވެސް އަމާޒަކަށް ހަދަންވީ ކާމިޔާބީ ހޯދުމަށް ކަމަށެވެ. އަދި ކުރިން ވާދަކުރި މުބާރާތަށްވުރެ ރަނގަޅަށް ޕާރފޯމްކޮށް، އެއަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދަން މަސައްކަތްކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.


މީގެއިތުރުން ޓީމުގެ ތެރޭގައި އޮންނަ ގުޅުމާއި، އޮފިޝަލުންގެ މެދުގައި ޓީމާ ދޭތެރޭ އޮންނަ ގުޅުމަކީ ވެސް ކާމިޔާބު ހޯދަން ބަލާއިރު، މުހިންމު އެއްޗެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެސޯސިއޭޝަނާ ދެމެދު އޮންނަ ގުޅުން ވެސް އެއް މުބާރާތުން އަނެއް މުބާރާތަށް ބަދަހިވާން ޖެހޭކަން ފާހަގަކުރެއްވިއެވެ.


ކާވާ ވުމަންސް ވޮލީބޯޅަ ޗެލެންޖުގައި ހަތަރު ގައުމަކުން ވާދަކުރެއެވެ. އެއީ ކިރިގިސްތާން، އަފްޣާނިސްތާން، ތަޖިކިސްތާން އަދި ރާއްޖެއެވެ. މި މުބާރާތް މާލޭގައި ކުރިއަށްދާނީ މިމަހުގެ 6 ން 11 ގެ ނިޔަލަށް ސޯޝަލް ސެންޓަރުގައެވެ.


ކިޔުންތެރިންގެ ހިޔާލު