3 months ago
ރާއްޖޭގެ އެންމެ އުތުރުގައިވާ އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތް އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މަޢުލޫމާތު ދީފިއެވެ.
މި ޚިދުމަތަކީ އިހަވަންދިއްޕޮޅުގައި ޤާއިމުކުރެވޭ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން ކުރިއަށްގެންދެވޭ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ މަޝްރޫޢުގެ ފުރަތަމަ މަސައްކަތްކަމުގައި ވާނެއެވެ.
އެމްޕީއެލްއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ޚިދުމަތް ފޯރުކޮށްދޭނީ އެމްޕީއެލް އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެންނެވެ. އަދި މި ޚިދުމަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ފުރިހަމަ ކުރަމުންނެވެ.
އަންނަ ހަފުތާގެ ބުދަ ދުވަހު އުލިގަމުގައި "އުލިގަމު އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް" ނަމުގައި ޚާއްޞަ އިމާރާތެއް ހުޅުވުމަށްފަހު، ބުރާސްފަތި ދުވަހުން ފެށިގެން ބޭރުގެ ބޯޓުފަހަރަށް ބަންކަރިންގ ޚިދުމަތް ދޭން ފަށާނެ ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ. މި އިމާރާތުގައި އެސްޓީއޯ، ކަސްޓަމްސް، އަދި އެމްޕީއެލް ފަދަ ސަރުކާރުގެ މުއައްސަސާތައް ޤާއިމްވެތިބޭނެއެވެ.
މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި 4000 ޓަނުގެ ތެޔޮ ރައްކާކުރެވޭ ދެ ބޯޓު މިހާރު ވަނީ ރާއްޖެ އައުމުގެ މަގުމަތީގައެވެ. އެސްޓީއޯ އިން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއު ހިންގުމަށް ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނި ވިޓޯލްއާ އެކު އެއްބަސްވުމެއްގައި މާރިޗު ގައި ސޮއިކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
އެމްޕީއެލް އިން އިތުރަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެސްޓީއޯއިން ބަންކަރިންގެ ޚިދުމަތް ފަށާ ދުވަހުން ފެށިގެން އެމްޕީއެލްއިން ވެސް އިތުރު ޚިދުމަތްތައް ފޯރުކޮށްދޭން ފަށާނެއެވެ. މީގެ ތެރޭގައި ބޯޓުފަހަރަށް ތެލުގެ ޚިދުމަތުގެ އިތުރުން ފެނާއި، ކާބޯތަކެތި އަދި ބޯޓުފަހަރަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ހިމެނެއެވެ. އެމްޕީއެލްއިން މަޢުލޫމާތުދޭ ގޮތުގައި މި ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެމްޕީއެލް މިހާރު ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަކީ މިހާރު 6.5 ބިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް ބަންކަރިންގެ ޚިދުމަތް ފެށުމުން އޭގެ ތެރެއަށް މުޅިން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެކަމަށް ޢިޤްތިޞާދީ ވަޒީރު ވަނީ ވިޅުވެފައެވެ. މިއާއެކު 6 ބިލިއަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެއެވެ.
ދުނިޔޭގެ ޗާޓުގައި ރާއްޖެ އޮންނަ ސަރަހައްދަކީ ކަނޑު ބޯޓުތައް އާންމުކޮށް ދަތުރުކުރާ ހިސާބެކެވެ. އެހެންކަމުން ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށްވުރެ ގިނަ އާގުބޯޓު ހުރަސް ކުރާ ކަމަށް މެރިޓައިމް މޫވްމަންޓްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި ޚިދުމަތް ފެށުމާއެކު، ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުމެއް ލިބި، ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެއެވެ.
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއަކީ ރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކޮށް ތަފާތު އައު ސިނާއަތްތަކާއި އާމްދަނީ ލިބޭނެ އައު ވަސީލަތްތަކަށް މަގުފަހިކުރުމުގެ ގޮތުން އެޅުނު މުހިއްމު ފިޔަވަޅެކެވެ.