މާލޭ އާ ސަހަރާ މިސްކިތުގެ ތިރީބައި މިއަދު ހުޅުވަނީ

1 month ago

އަފްރާހް

މާލޭގެ އާސަހަރާ މިސްކިތުގެ ތިރީބައި މިއަދު ހުޅުވުމަށް ނިންމަައިފިއެވެ.


މާލޭ ސިޓީ ކައުންސިލުން 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައިވަނީ އެ މަސައްކަތްތައް ނިންމާލައި މިއަދު ހުޅުވުމަށް ވަމުންދާ ތައްޔާރީތައް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ބައްލަވާލައްވާފައިވާ ކަމަށެވެ. އަދި އެމްސީސީން ވިދާޅުވީ އެ ބައި ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަދުގެ ހުކުރު ނަމާދުގެ ވަގުތަށް ކަމަށެވެ.


މާލޭގެ އާސަހަރާ މިސްކިތުގެ މަސައްކަތް ނިމޭއިރު އިތުރު 3،200 އަކަފޫޓު މިސްކިތަށް އިތުރުވާނެއެވެ.


އެ މިސްކިތުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ޕީއެންޕީ ކުންފުންޏާއެވެ. އެހެންނަމަވެސް އެ ކުންފުނިން މަސައްކަތް ކުރިއަށް ނުގެންދިއުމުން، އެ ކުންފުންޏާ އެކު ހެދި 4.9 މިލިއަން ރުފިޔާގެ އެއްބަސްވުން އުވާލައި، ކައުންސިލުން ވަނީ 3.6 މިލިއަން ރުފިޔާ ދައްކާފައެވެ.


އެއަށްފަހު އެ މަސައްކަތް އިތުރު ދެ ކުންފުންޏަކާ ވެސް ހަވާލުކުރިއެވެ. އެއީ ބީސިކްސް ކޮންސްޓްރަކްޝަން އަށް އެ އިމާރާތުގެ ފަރުމާގެ މަސައްކަތް ކުރުމަށް 4.6 މިލިއަން ރުފިޔާއަށެވެ. އަދި ފިނިޝިންގ މަސައްކަތް ނިންމުމަށް ހައިމާން ކޮންސްޓްރަކްޝަން އަށް 2.7 މިލިއަން ރުފިޔާއަށެވެ.


އާސަހަރާ މިސްކިތް ރަނގަޅު ފެންވަރަކަށް ތަރައްގީކުރެވި، އަލުން ހުޅުވާއިރު، ހިނަވާ އަށްޓެއް އިތުރުކުރުމާއި އަންހެނުން ނަމާދުކޮށް ވުޟޫކުރަން ވަކި ތަނަކާއި ފާޚާނާއެއް ތަރައްގީ ކުރާނެއެވެ. އަދި ޒަމާނީ ފާޚާނާތަކެއް ވެސް އިތުރުވާނެއެވެ.


މީގެއިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ވަދެވޭ ގޮތަށް މިސްކިތަށް ބަދަލު ގެނެސް، ޖަނާޒާތަކަށް އަންނަ މީހުން މަޑުކުރުމަށް ހާއްސަ ސަރަހައްދެއް ވެސް އިތުރުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު