މުޙައްމަދު ތަކުރުފާނުގެ ސީރަތުން މިހާރުގެ ޖީލު ފިލާވަޅުތައް ލިބިގަންނަންޖެހޭ: ޑރ. ޝަހީމް

1 month ago

އަފްރާހް

މުޙައްމަދު ތަކުރުފާނުގެ ސީރަތުން މިހާރުގެ ޖީލު ފިލާވަޅުތައް ލިބިގަންނަންޖެހޭ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.


މިނިސްޓަރ ވަނީ އުތީމަކީ ދިވެހި އުއްމަތަށް ޒައާމަތެއް ނެރުއްވި މަދަރުސާއެއް ކަމަށާއި ރަށް ކުޑަނަމަވެސް ފަޚުރުވެރި ތާރީޚުގައި އުތީމުގެ ނަން ލިޔެވިފައި އޮތީ ރަން އަކުރުންކަން ފާހަގަކުރައްވާފައެވެ. އަދި މިއަދުވެސް އެފަދަ ޝަޚުސިއްތުތައް ނުނެރެވެންވީ އެއްވެސް ސަބަބެއްނެތްކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން އުތީމުން ކުރާ ގައުމީ މަސައްކަތަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


މިނިސްޓަރ ވިދާޅުވީ މުހައްމަދު ތަކުރުފާނަކީ ހިތްވަރާއި އަޒުމުގެ މަދަރުސާއެއް ކަމަށާއި ގައުމު ދެކެ ލޯބިވުމާއި ދީނަށް ވަފާތެރިވެ، އަގީދާއަށް އަމާނާތްތެރިވުމުގެ މަތިވެރި ނަމޫނާއެއް ދެއްކެވި ޝަޚުސިއްޔަތެއް ކަމަށެވެ. އަދި ރާއްޖެ މިއަދު އިސްލާމީ އަގީދާގެ މަތީގައި ސާބިތުވެ އޮތީ ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދުގެ ސަބަބުންކަމަށް ވެސް ވިދާޅުވިއެވެ.


ޑރ. ޝަހީމް ވަނީ ގައުމީ ބަހާތަކާއި އިސްލާމީ އަގީދާއާއި ހިދާޔަތާ ބެހޭގޮތުން އިރުއިރުކޮޅާ ހަދާންކޮށްދޭ ޒައާމަތެއް ގާއިމްވެފައި އޮތުމަކީ ޝުކުރުވެރިވާންޖެހޭ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ގައުމުން ބީވެގެންދާ އިސްލާމީ ސަގާފަތާއި ރިވެތި އާދަކާދައާއި އަޚްލާގު ދިރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރަކީ މިއަދު ގައުމު އިންތިހާއަށް ބޭނުންވާ ތަސައްވުރެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު