ބާރު ސްޕީޑުގައި ދުއްވުން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ފަށައިފި

1 month ago

އަފްރާހް

ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވުމަށް ސަރުކާރުން ކުރަންޖެހޭ އެންމެހައި ކަންކަން މި ސަރުކާރުން ކުރާނެކަމުގެ ޔަގީންކަން ހުރިހައި ރައްޔިތުންނަށް އަރުވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ ބާރު ސްޕީޑުގައި ދުއްވައިފައިދިޔަ ސްޕޯޓްސް ކާރެއްގައި ސައިކަލެއް ޖެހިގެން މީހަކު ނިޔާވެފައިވާ ދަނޑިވަޅެއްގައެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ ހުންނަ އުރީދޫ އިމާރާތް ކުރިމަތީގައެވެ.


މި އެކްސިޑެންޓާއި ގުޅިގެން 'އެކްސް' ގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށް ވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކައި ކުރައްވަން ޖެހޭ ކަންކަން ކުރައްވަމުން ގެންދަވާ ކަމަށެވެ.


މިގޮތުން ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިހާރުވާނީ އަންގާފައި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.


ސެޕްޓެމްބަރ 5 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި މި އެކްސިޑެންޓާއި ގުޅިގެން ރައީސް ވަނީ ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ވި އެކްސިޑެންޓެއްގައި ރޭ މެންދަމުވަނީ ވަރަށް ހިތާމަވެރި ހާާދިސާއެއް ހިނގާ އަނެއްކާ ވެސް މީހެއްގެ ފުރާނަ ގެއްލިފައިކަން ފާހަގަ ކުރައްވާފައެވެ.


މީގެއިތުރުން ހިތާމަވެރި ގޮތެއްގައި މި ދުނިޔެ ދޫކުރި 23 އަހަރުގެ ޒުވާން ޙަސަން ސަމާޙުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވަވާ، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާފައި ވެއެވެ.


ހަމަމިއާއެކު މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވުމަކީ އެކަމުގައި ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލެއްވުން ބޭނުންވާ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.



 


ކިޔުންތެރިންގެ ހިޔާލު