އިންސާނާކުރާ އެންމެބޮޑު ފާފައަކީ ޝަރީކު ކުރުން: ހުތުބާ

1 month ago

އަފްރާހް

އިންސާނާ ކުރާ އެންމެ ބޮޑު ފާފައަކީ އެ އިންސާނާ ހައްދަވައި ބޮޑުކުރައްވައި އޭނާއަށް ބޭނުންވާ އެންމެހައި ކަމެއް ފުރިހަމަ ކޮށްދެއްވި ފަރާތަށް ޝަރީކު ކުރުން ކަމުގައި ހުކުރު ހުތުބާގައި ބުނެފިއެވެ.


"ޝިރުކު ކުރުމުން ދުރުހެލިވާށެވެ!" މި މައުޟޫ އަށް ހާއްސަކޮށްފައިވާ ހުތުބާގައި ބުނީ ކީރިތި ގުރްއާނާއި ކީރިތި ރަސޫލާގެ ހަދީސްފުޅުތަކުގެ މައްޗަށް ބުރަވެ އިލްމުވެރީން އެއްބަސްވެ ވަޑައިގެންފައިވަނީ، ކުރާ ހެޔޮ ޢަމަލުތައް ގަބޫލުކުރެއްވުމުގައި ދެ ޝަރުތެއްއް ފުރިހަމަވާން ޖެހޭކަމަށެވެ.


އެގޮތުން މީހަކު ކުރާ ޢަމަލެއްގައި ޝަރީކުކުރުމާއި، ކަންދެއްކުމާއި، އެނޫންވެސް އެފަދަ އެހެން ކަންތައް ވާނަމަ އެ ޢަމަލެއް މާތް ރަސްކަލާނގެ ގަބޫލުނުކުރައްވާނެކަމަށް ހުތުބާގައި ބުންޏެވެ. އަދި ޝިރުކުކުރުމަކީ ހަމަ އެކަނި ބުދަށް އަޅުކަންކުރުމެއް ނޫން ކަމަށާއި އެ ނޫންވެސް އެ ފަދަ ތަކެއްޗަށް ސަޖިދަކުރުމެއް ވެސް ނޫން ކަމަށް ވަނީ ބުނެފައެވެ.


އަހަރެމެންނަށް ނޭނގި އަހަރެމެން ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ޝިރުކުކުރެވޭކަމަށް ވެސް ވަނީ ބުނެފައެވެ.


މީގެއިތުރުން މުސްލިމުން ކަންތައްކުރަންވާ ގޮތް ދީނުގައިވަނީ ވަރަށް ފުރިހަމައަށް ބަޔާންކުރައްވައި އަންގަވައިފައިކަން ހާމަކުރައްވައި ހުތުބާގައި ބުނީ މުސްލިމުން އެކި ފަރާތްތައް މާތްކުރަންވާނީ މާތްވެގެންވާ އިސްލާމް ދީނުގައި ހުއްދަކުރައްވައިފައިވާ މިންވަރަށް ކަމަށެވެ.


ކީރިތި ގުރްއާނާއި ކީރިތި ރަސޫލާގެ ހަދިސްތަކާ ހިިލާފުވާ ގޮތަކަށް އެކި ފަރާތްތައް މާތްކުރުމަކީ ޝިރުކުކުރުމަށް މަގުފަހިވެދާނެ ކަމެކަން ހަނދާންކޮށްދީ ހުތުބާގައި ވަނީ ހެޔޮ ޢަމަލު ކުރުމުގެ ނަމުގައި އެ ފަދަ ވިޔާނުދާ ޢަމަލުތަކަށް އަރައިނުގަތުމަށް ނަސޭހަތްތެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު