ރާއްޖޭގެ މަގުތައް ރައްކާތެރިކުރުމުގެގޮތުން ކަންތައްތަކެއް ކުރުމަށް ރައީސް ނިންމަވައިފި

1 month ago

އަފްރާހް

ރާއްޖޭގެ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި، މުހިންމު 8 ކަމެއް ތަންފީޒުކުރަން ފަށަން، ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގަވައި، އެކަންކަން ރޭ ހާމަކުރައްވައިފިއެވެ. 


އެމަނިކުފާނު މިކަންކަން ހާމަކުރެއްވީ މީސް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.


ރައީސް ކުރެއްވި ޕޯސްޓުގައި، މުއައްސަސާތަކަށް މިއަދު އެންގެވި ކަންކަން ތަންފީޒުކުރުމަށް ނިންމެވީ ގަވާއިދާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދުފަހަރު ކޮންޓްރޯލްކޮށް މަގުމަތީގައި ހިނގާ ނުރައްކާތެރި ޙާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްކަން ފާހަގަކުރައްވާފައިވެއެވެ. އަދި އުޅަނދަށް ބަދަލުގެނެސްގެންނާއި، އުޅަނދުގެ ބާވަތުން ދުއްވާއިރު ބާރުއަޑު އިވޭ އުޅަނދުތައް ބޭނުންކޮށްގެން، އުޅަނދުފަހަރުން ނުކުންނަ ގަދަ އަޑަކީ ޢާއްމު އުނދަގުލަކަށްހެދުން ހުއްޓުވުން ހިމެނެއެވެ.


މީގެއިތުރުން އާންމުރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރިކުރުމަކީ ވެސް މި އެންގެވުންތައް ތަންފީޒުކުރަން ޖެހޭ ސަބަބެއްކަން ފާހަގަކުރައްވާފައިވެއެވެ.


ރައީސުލްޖުމްހޫރިއްޔާ މިއަދު އެންގެވި މުހިންމު 8 ކަމަކީ؛


1. މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކައި، ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.


2. ރޭސިންގ އަދި ޑްރިފްޓިންގއަށް ހުޅުމާލޭގެ ވަކިސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރ 2023 ގައި އެޗްޑީސީއިން ދީފައިވާ ހުއްދަވަގުތުން ބާތިލުކުރުން.


3. ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސްއާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން.


4. ވަކި ސީސީ (ހޯސްޕަވަރ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާޙުކުރުން.


5. އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.


6. ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރ ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިންގ ކެމެރާ ހަރުކުރުން.


7. ގްރެޖުއޭޓިންގ ލައިސަންސް ސިސްޓަމްއެއް ތަޢާރަފްކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސްއިން ޕޮއިންޓް ކަނޑަން ފެށުން.


8. މަގުމަތީގެ ޤާނޫނު ތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުން.


ރައީސްގެ ޕޯސްޓުގައި މަތީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅެމުންދާ ގޮތާއި އޭގެ ނަތީޖާ ރަނގަޅަށް މޮނިޓަރ ކުރެވޭނެކަމުގައި ބަޔާންކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު