ދިވެހިން އަލުން ދިވެހިންގެ ގޮތުގައި އިއާދަކުރެއްވުމަށް ރައީސް އިސްކަންދެއްވާ: މިނިސްޓަރ

1 month ago

އަފްރާހް

ރައީސް އެންމެ ހާއްސަ އިސްކަމެއްދެއްވަނީ ދިވެހިން އަލުން ދިވެހިންގެ ގޮތުގައި އިއާދަކުރެއްވުމަށް ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.


މިއަހަރުގެ ގައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޒަމާނުންސުރެ ދިވެހިން މިނިވަންކަންމަތީ ތިބި ސަބަބު ހޯދައި އެ ވިސްނުން ދިވެހިންގެ ތެރެއަށް ގެނެސްދެއްވުމަކީ ވެސް ރައީސް އިސްކަމެއްދެއްވާކަމެއް ކަމުގައެވެ.


މީގެއިތުރުން ގައުމިއްޔަތު މަޝްރޫއުގެ ބޭނުމަކީ ޢިލްމީ ނަޒަރަކުން ދިވެހީންގެ އަސްލުތަކަށް ބަލައި، އެކަމާ ގުޅުންހުރި ކަންކަން ހޯދައި ދިވެހިވަންތަކަން އިއާދަކުރުން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ދިވެހިންނަކީ އެއްބައިވަންތަ ބަޔަކަށް ވާންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.


މިނިސްޓަރ ވަނީ ތާރީޚުގައި ދިވެހިންނަށް ދިމާވި ކޮންމެ ނުރައްކަލަކުން ޤގައުމު ސަލާމަތްކުރީ ކާބަފައިންގެ އެއްބައިންތަކަމާއި އެމީހުންގެ ހިކުމަތު ޢަމަލީ މަސައްކަތުންކަން ވެސް ފާހަގަކުރައްވާފައެވެ.


ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަނީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުންނެެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.


މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި މާއުނގޫދޫ، ހއ. އުތީމު އަދި މާލޭގައި ވެސް ޖަލްސާ ވަނީ ބާއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު