ހުސްވި ހަފުތާގެ އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

1 month ago

އަފްރާހް

ހުސްވި ހަފުތާގެ އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެއެވެ.


އެއީ މާލޭ ބޮޑުތަކުރުފާނު މަގު، އެފްއެސްއެމް ޕެޓްރޯލް ޝެޑު ކައިރީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއެވެ. އޭނާ ނިޔާވީ ފަރުވާދެމުން ދަނިކޮށެވެ.


މީޑިއާތަކަށް މައުލޫމާތުދެމުން މީގެކުރިން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ބުރާސްފަތި ދުވަހުގެ މެންދަމު 00:35 ހާއިރު، ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.


އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ ގދ. ގައްދޫ، އުމުރުން 21 އަހަރުގެ މުހައްމަދު ލީވާނެވެ. އެކްސިޑެންޓުގައި ލީވާނަށް ބޮޑެތި އަނިޔާތަކެއް ލިބުމުން، އޭނާއަށް ފަރުވާދެމުން ދިޔައީ އައިޖީއެމްއެޗުގެ އެމަޖެންސީގައި ވެންޓިލޭޓަރުގެ އެހީގައެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި ލީވާން އަށް، އުއްމީދު ކަނޑާލައިގެން ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަތާ ދެ ދުވަސް ވެއްޖެއެވެ.


އޭނާގެ އާއިލާއިން ރާއްޖޭގެ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ލީވާން މަރުވީ ދަންވަރު 02:10 ހާއިރުއެވެ.


މާލެ ސަރަހައްދުގައި ހިނގާ މިފަދަ ނުރައްކާތެރި އެކްސިޑެންޓުތައް މަދުކުރުމަށް އަދި ހުއްޓުވުމަށްޓަކައި ހަރުކަށި ފިޔަވަޅުތައް އަޅައި ތަންފީޒު ކުރަން އިއްޔެ ކަމާ ބެހޭ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އަންގަވާފައެވެ.


މާލެ ސަރަހައްދުގައި މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް އިތުރުވަމުން އަންނައިރު، ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޓްރެފިކް އެކްސިޑެންޓުތަކާ ގުޅޭ 204 މައްސަލައެއް މިދިޔަ މަހު އެ މުއައްސަސާއަށް ހުށަހަޅާފައިވެއެވެ. އަދި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ޓްރެފިކް އެކްސިޑެންޓުތަކާ ގުޅޭ 1907 މައްސަލައެއް ހުށަހަޅާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު