މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަށް ބަދަލެއް

5 months ago

އަފްރާހް

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަށް ބަދަލު ގެނެސްފިއެވެ.


މޯލްޑިވްސް ޒަކާތު ހައުސް އިން ވިދާޅުވީ މި ބަދަލު ގެނެސްފައިވަނީ މޭ 22 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރަކީ ދިވެހި ރުފިޔާ އިން 9353.40 ރުފިޔާ ކަމަށެވެ.


ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަގީރުންގެ މެދުގައި މުދަލު ޒަކާތް ބަހާއިރު، މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައެޅުމުގައި ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.


ޒަކާތަކީ އިސްލާމްދީނުގެ ތިންވަނަ ރުކުނެވެ. އެއީ ތަނަވަސްކަމާއި މުއްސަނދިކަމުގެ އަހުލުވެރީންގެ ކިބައިން ފަގީރުންނަށާއި ނިކަމެތީންނަށް ލިބިދޭ ދީނީ ހައްގެކެވެ. މުދަލު ޒަކާތް ނެރުން ވާޖިބު ވަނީ މުދަލުގެ ނިޞާބު ހަމަވުމާއި ނިސާބު ހަމަވެ، އެއަށް ހިޖުރީ އަހަރުން އެއްއަހަރު ފުރުމާއި ތިމާގެ ފުރިހަމަ މިލްކުވެރިކަމުގައި އެ މުދާ ހުރުމުންނެވެ.


މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭރު މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ ގޮތުގައި ކަނޑައެޅީ 7،140 ރުފިޔާ އެވެ. މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. ރާއްޖޭގައި ނިސާބު ބަލަނީ ރިހިންނެވެ.


ކިޔުންތެރިންގެ ހިޔާލު