މެލޭޝިއާއެކު ވެވުނު އެއްބަސްވުމުން ތައުލީމީ ދާއިރާގެ ކުރިއެރުން ރަމްޒުކޮށްދޭ: މިނިސްޓަރ

1 month ago

އަފްރާހް

މެލޭޝިއާއެކު ވެވުނު އެއްބަސްވުމުން ތައުލީމީ ދާއިރާގެ ކުރިއެރުން ރަމްޒުކޮށްދޭ ކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.


އެކަމަނާ މިހެން ވިދާޅުވެފައިވަނީ މެލޭޝިޔާގެ އީއެމްޖީއެސްއާއި މިނިސްޓްރީއާއި ދެމެދު މަތީ ތަޢުލީމު ކުރިއެރުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ.


އެކަމަނާ ވިދާޅުވީ މި އެއްބަސްވުމަކީ ހަމައެކަނި މާލީ އެހީފޯރުކޮއްދިނުމުގެ ގޮތުން ސޮއިކުރެވޭ އެއްބަސްވުމެއް ނޫން ކަމަށެވެ. އަދި މި އެއްބަސްވުމުން ރަމްޒުކޮއްދެނީ ތަޢުލީމީ ދާއިރާގެ ކުރިއެރުން ކަމަށެވެ.


މީގެއިތުރުން މެލޭޝިޔާއަކީ ފެންވަރު ރަނގަޅު މަތީ ތަޢުލީމެއް ފޯރުކޮއްދެމުން އަންނަ ގައުމެއްކަމާއި، މިފަދަ އެއްބަސްވުމަކީ ރާއްޖޭއާއި މެލޭޝިޔާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހި ދަރިވަރުންނަށް ފެންވަރު ރަނގަޅު މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.


އެގޮތުން މި އެއްބަސްވުމުގެ ދަށުން، އެ ގައުމުގެ ޔުނިވަރސިޓީތަކާއި އެހެނިހެން މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒުތަކުން ތަޢުލީމު ހާޞިލުކުރުމަށް އެދޭ ދަރިވަރުންނަށް މާލީ އެހީތެރިކަން (ޑިސްކައުންޓް) ފޯރުކޮއްދިނުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.


އެކަމަނާ އިތުރަށް ވިދާޅުވީ މެލޭޝިޔާގެ ސަރުކާރުން ތަޢުލީމީ ކުރިއެރުމަށް ދެއްވާ އެއްބާރުލުމަށް ޝުކުރު ޢަދާކުރައްވާ ކަމަށެވެ. އަދި ރާއްޖެއާއި މެލޭޝިޔާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެދޭ ކަމަށް ވެސް ވިދާޅުވިއެވެ.


މެލޭޝިޔާގެ އީއެމްޖީއެސްއާއި މިނިސްޓްރީއާއިއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ 561 ދަރިވަރުންނަށް މެލޭޝިޔާގެ ޔުނިވަރސިޓީތަކުގައި، އާރޓްސް އެންޑް ހިއުމަނިޓީސް، އިންޖީނިއަރިންގ އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސެސް އެން މެޑިސިން، ނެޗުރަލް ސައިންސެސް، ސޯޝަލް ސައިންސެސް، މެނޭޖްމަންޓް ފަދަ އެތަށް ދާއިރާއަކުން ތަޢުލީމު ހާޞިލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާއިފައެވެ.


ކިޔުންތެރިންގެ ހިޔާލު