ކާޑެއްދޫ އެއަރޕޯޓްގެ ފަޔަރ ފައިޓަރުންނަށް "ރެސްކިޔު ސްވިމިންގ" ޕްރޮގްރާމެއް

1 month ago

އަފްރާހް

ގދ. ކާޑެއްދޫ އެއަރޕޯޓްގައި މަސައްކަތްކުރާ ފަޔަރ ފައިޓަރުންނަށް އަމާޒުކޮށްގެން "ރެސްކިޔު ސްވިމިންގ" ޕްރޮގްރާމެއް ހިންގައިފިއެވެ.


މިއީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އޮގަސްޓު 21 ވަނަ ދުވަހުން ފެށިގެން ތިން ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު ނިންމުމުގެ ގޮތުން ސެޕްޓެންބަރު 9 ވަނަ ދުވަހުގެ ރޭ ގދ. ކާޑެއްދޫ އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ގދ. އަތޮޅު ކައުންސިލްގެ ރައީސް، ޙަސަން ފައިހަތު ގުދުރަތު އެވެ. 


މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށާއި އެމްއެންޑީއެފްގެ މުދައްރިބުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ގދ. އަތޮޅު ކައުންސިލްގެ ނާއިބް ރައީސް، ޙުސައިން ވާރިޝްއެވެ.


މި ޕްރޮގްރާމްގައި ބައިވެރިވި 14 ފަޔަރ ފައިޓަރުންގެ ތެރެއިން ފަސް ބައިވެރިއަކު ގޯލްޑް ސެޓްފިކެޓް ހާސިލުކުރިއިރު، ތިން ބައިވެރިއަކު ސިލްވަރ ސެޓްފިކެޓް، އަދި ހަ ބައިވެރިއަކު ވަނީ ބްރައުންޒް ސެޓްފިކެޓް ހާސިލުކޮށްފައެވެ.


މި ރަސްމިއްޔާތުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކާޑެއްދޫ ޕޯސްޓުން އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތްކުރި ސިފައިންނާއި، ގދ.ކާޑެއްދޫ އެއަރޕޯޓުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު