3 months ago
ދެ ގައުމު ގުޅިގެން ހިންގޭ މަތީތައުލީމުގެ ޕްރޮގްރާމްތަކަކީ ގައުމު ބިނާ ކުރުމަށް އެޅޭ ފިޔަވަޅެއް ކަމުގައި މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް)ގެ ސީއީއޯ، މރ. ނޯވީ ތާޖުއްދީން ވިދާޅުވެއްޖެއެވެ.
މެލޭޝިޔާ ސަރުކާރާއި ރާއްޖެއާއި ގުޅިގެން މަތީ ތަޢުލީމު ކުރިއެރުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދެ ދައުލަތުން ގުޅިގެން ހިންގާ މިދަފަ ޕްރޮގްރާމްތަކަކީ ތަޢުލީމީ ދާއިރާގެ އިތުރުން ރާއްޖޭގެ އިޤްތިސާދު ކުރިއަރުވައި، ގައުމުގެ މުސްތަގްބަލް ބިނާކުރުމަށް ވެސް އެޅޭ ފިޔަވަޅެއް ކަމަށެވެ.
ތާޖުއްދީން ވިދާޅުވީ މި އެއްބަސްވުމަކީ ރާއްޖެއާއި މެލޭޝިޔާގެ ސަރުކާރުން ގުޅިގެން 600 އަށްވުރެ ގިނަ ޕްރޮގްރާމަކުން 500 އަށްވުރެ ގިނަ ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައި، އެ ދަރިވަރުންނަށް މަލީ އެހީ ފޯރުކޮއްދިނުމަށް ސޮއިކުރައްވާ އެއްބަސްވުމެއް ކަމަށެވެ.
މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެއާއި މެލޭޝިޔާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މެލޭޝިޔާގެ އީއެމްޖީއެސް އާއި މިނިސްޓްރީއާއިއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ 500 އަށް ވުރެ ގިނަ ދަރިވަރުންނަށް މެލޭޝިޔާގެ ޔުނިވަރސިޓީތަކުގައި، އާރޓްސް އެންޑް ހިއުމަނިޓީސް، އިންޖީނިއަރިންގ އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސެސް އެން މެޑިސިން، ނެޗުރަލް ސައިންސެސް، ސޯޝަލް ސައިންސެސް، މެނޭޖްމަންޓް ފަދަ އެތަށް ދާއިރާއަކުން ތަޢުލީމު ހާޞިލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާއިފައެވެ.
މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް) އަކީ މެލޭޝިޔާގެ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ، މުއައްސަސާއެކެވެ.