އައު މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް، ނައިބަކަށް ނާޒިމް

5 months ago

އަފްރާހް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އަބްދުއްރަހީމް ޢަބްދުﷲ އަދި ނައިބު ރައީސްގެ މަގާމަށް އަހްމަދު ނާޒިމް ހޮވުމަށް ނިންމައިފިއެވެ.


ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިސްތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެ ކޮންގްރެސްގެ ރައީސްގެ ހައިސިއްޔަތުން މަޖިލީހުގެ ބައެއް މަގާމުތަކަށް ކަނޑައެޅުމަށް ބޭނުންވާ ނަންތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ ކަމަށެވެ.


އެގޮތުން މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަދި ރައީސްގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ނާޒިމްގެ ނަން ހުށަހަޅުއްވާފައިވާ ކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން ޕީޖީ ލީޑަރުގެ މަގާމަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ފަލާހު، ސީނިއަރ ޑިޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ސުޖާއުގެ ނަން ހުށަހެޅުމަށް ވަނީ ނިންމާފައެވެ.


ހީނާ ވިދާޅުވީ ޑިޕިއުޓީ ޕީޖީ ލީޑަރުންގެ ގޮތުގައި ވިލިމާލޭ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އިސްމާއިލް އާއި މަހިބަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) އާއި ހުޅުދޫ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ޝާހިދުގެ ނަން ހުށަހަޅުއްވާފައިވާ ކަމަށެވެ. މި ހުރިހައި ނަންތަކެއް ވެސް ބައްދަލުވުމުގައި ބައިވެރިވި ހުރިހައި މެމްބަރުންގެ އިއްތިފާގުން ފާސްކުރައްވާފައިވާ ކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފައެވެ.


20 ވަނަ ރައްޔިތުންގެ މަޖިލިސް ފެށޭނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. މަޖިލީހުގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ މޭ 28 ވަނަ ދުވަހު މެންބަރުން ހުވާ ކުރެއްވުމަށްފަހު، މަޖިލީހުގެ ރައީސްއާއި ނައިބުރައީސް ހޮވުމަށް މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓުންނެވެ. 


ކިޔުންތެރިންގެ ހިޔާލު