އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް

1 month ago

އަފްރާހް

މާލެ، ޓްރެފިކް ޕޮލިސް އޮޕަރޭޝަންސްގެ ފުލުހުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.


މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމާއި މާލެއާއި ހުޅުމާލޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރިތަނަކަށް ހެދުމަށް މިހާރު ފުލުހުން ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރެއިން ފެށި ޕްރޮގްރާމެކެވެ.


މި ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށް މުވައްޒަފުންނަށް ބޭނުންވާ މައުލޫމާތުދޭނެއެވެ.


އެގޮތުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ބޭނުންވާނެ މުހިންމު މައުލޫމާތުތަކާއި، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކާ ކުރިމަތިލައި އެކަންކަން ހައްލުކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކުރާނެއެވެ. އަދި ގަވާއިދާ ހިލާފަށް އުޅނަދު ދުއްވާ މީހުން ހުއްޓުވައި ބަލައިފާސްކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ވެސް މި ޕްރޮގްރާމުގެ ތެރެއިން ހިއްސާކުރާނެއެވެ.


އޭގެ އިތުރުން، އުޅަނދު ދުއްވުމުގައި ފުލުހުން ވެސް ސަމާލުކަންދޭންޖޭ ކަންކަމާއި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވުމަށް މައުލޫމާތު ހިއްސާކުރާނެއެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދަނީ ރޯޑް ސޭފްޓީ އެވެއަރނަސް އެންޑް ޕްރިވެންޝަންގެ ފަރާތުންނެވެ.


މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރިތަނަކަށް ހެދުމަށް މިހާރު ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، މަގުމަތީގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުން ގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު