މަރްހޫމް އަބްދުލްއަޒީޒުގެ އާއިލާ އަށް ރައީސްގެ ތައުޒިޔާ

1 month ago

އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުލްޢަޒީޒް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.


ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ އަބްދުލް އަޒީޒު އަވަހާރަވުމާއިގުޅިގެން މީސް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ޢަބްދުލްޢަޒީޒް އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.


މީގެއުތުރުން ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުން އެދި ވަނީ ދުޢާ ކުރައްވާފައެވެ.


ޢަބްދުލްޢަޒީޒް ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 25 ޖުލައި 1959 ގައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީއެއްގެ މަގާމާއި ޏ. އަތޮޅު އަތޮޅުވެރިކަން ވަނީ ކުރައްވާފައެވެ.


މީގެއިތުރުން ކުރީގެ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރުކަމާއި އެ ވުޒާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމު ވެސް ވަނީ އަދާކުރައްވާފައެވެ.


ޢަބްދުލްޢަޒީޒަކީ ރައްޔިތުންގެ މަޖިލީހުގެ ޏ. އަތޮޅުގެ މެންބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ މަޖިލީހުގެ ޏ. އަތޮޅު މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.


އެމަނިކުފާނު 1 މޭ 2008 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު، 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ވަނީ ޚިދުމަތް ކުރައްވާފައެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރކަމުގެ މަގާމުގައެވެ.


ޢަބްދުލްޢަޒީޒް އަށް ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ ޤައުމީ އިނާމް މިދިޔަ އަހަރު ލިބިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު